ޕީޕީއެމްއެމްގެ ނައިބު ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް އަބްދުﷲ އައުގުރާނަ ގޮވައި، ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކު ހޫރާލާ މަންޒަރު ފެންނަ ވީޑިއޯއެއް ޢާއްމުވެއްޖެއެވެ.
މި ވީޑިއޯއިން ފެންނަ ގޮތުގައި ޢަބްދުއްރަހީމް ރުޅި އިސްކުރައްވައި ހުންނަވާ ދުރުން ވަޑައިގެން މަޖިލީހުގެ ކޮޓަރިއެއްގެ ތެރޭގައި އިށީދެ އިންނަވާ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ނައިބު ލީޑަރަށް ބަހުގެ ހަމަލާތަކެއް ދެއްވާ މަންޒަރު ފެނެއެވެ. މާބޮޑަށް ވިދާޅުވާ އެއްޗެއް ސާފު ނުވިނަމަވެސް އަތް އުކަމުން އައުގުރާނަ ގޮވާ އަޑު ސާފުކޮށް އިވިގެން ދެއެވެ. އަދި އެކަން ހަމަ ޖައްސަވަން އުޅުއްވި ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ އަތުގައި ހިއްޕަވާ ހޫރާލާ މަންޒަރު ފެނިގެނދެއެވެ.
އެއާއެކު ދުރުގައި ހުންނެވި އަންހެނެއްކަމަށް ބެލެވޭ މީހަކު ހަޅޭލަވާ ގަންނަ އަޑުވެސް އިވެއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ގާތުގައި ތިއްބެވި ބައެއް މެމްބަރުންވެސް ގެންދެވީ އަބްދުއްރަހީމް މައިތިރި ކުރެވޭތޯ މަސައްކަތްކުރައްވަމުންނެވެ.
Majlis thereygai PPM ge Naib leaderu auaguraana govaa, PPM PG leader Nihan hooraalaa manzaru fenna video'eh aamuvejje @Raajje_tv pic.twitter.com/yTEwmIUWu1
— RaajjeTV (@Raajje_tv) October 30, 2018
ބެލެވޭ ގޮތުގައި މިކަން ހިނގާފައި މިވަނީ މަޖިލީހުގެ ޕީޕީއެމްއަށް ޚާއްޞަ ކޮޓަރިކޮޅެއްގައެވެ. އަދި މިއީ އެތައް ދުވަހަކަށް މަޖިލިސް ހުއްޓާލާ އޮތުމަށްފަހު މިދިޔަ އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށިފަހުން، ހޯމަ ދުވަހުގައި ހިނގި ހާދިސާއެއްކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގެ ފޭސްބުކް އާއި ޓްވިޓަރގައިވެސް ދަނީ ފަތު އަޑުކިޔާފައި ފެތުރެމުންނެވެ.
ޢަބްދުއްރަހީމަކީ މީގެ ކުރިންވެސް މަޖިލީހުގެ ޗެމްބަރ ތެރޭގައިވެސް މަޖިލީހުގެ ރިޔާސަތައް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކަވާފައިވާ މެމްބަރެކެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވާނެކަންވެސް އިއުލާންކުރައްވާފަ އެވެ.