ކ. މާފުށިން ފިހާޅޮހި އައިލެންޑް ރިސޯރޓަށް ދަތުރުގޮސް މޫދަށް އެރި އުޅުނު ފިރިހެން ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯރޓް ކޯސްޓްގާރޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 14:49 ހާއިރުކަމަށެވެ. އަދި މިހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް (އެފްއައިސީ) "ދޮށިމޭނާ" ގައި އެމްއެންޑީއެފްގެ ޓީމެއް އެސަރަހައްދަށްގޮސް މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާއާއި ގުޅިގެން ރިސޯރޓްގެ ޑައިވިންގ ޓީމުންވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި، ޚަބަރެއް ނުވެގެން ގެއްލިފައިވާ ފިރިހެން ފަތުރުވެރިޔާ އެންމެފަހުން ލައިގެން ހުރީ ކަޅުކުލައިގެ ވެޓްސޫޓެއްކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މިމީހާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.