މިހާރު ސްރީލަންކާގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ މަހުގެ 1 ގައި ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނާއި އެކު ވަޑައިގަތުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
އިންތިޚާބީ ރައީސް ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރައީސް ނަޝީދާއި އެކު ވަޑައިގަތުމަށް ސޯލިހު ލަންކާއަށް ވަޑައިގަންނަވާނީ ބުދަ ދުވަހު ކަމަށެވެ. އަދި ނޮވެމްބަރު 1 ވާ ބުރާސްފަތި ދުވަހު ރައީސް ނަޝީދާއެކު އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
" ރައީސް ސޯލިހު މާދަން ފުރާ ވަޑައިގަންނަވާނެ ސްރީލަންކާއަށް، ސްރީލަންކާއަށް ފުރާވަޑައިގަންނަވާފައި ރައީސް ސޯލިހު އަނބުރާ ވަޑައިގަންނަވާނީ މާދަމާ ނޫން އަނެއް ދުވަހު 1 ނޮވެމްބަރުވާ ބުރާސްފަތި ދުވަހު ރައީސް ނަޝީދާއެކީގައި." މާރިޔާ ވިދާޅުވިއެވެ.
ރައީސް ނަޝީދު މާލެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ވަނީ ތައްޔާރު ވެފައެވެ.
ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާ އިރު އެމަނިކުފާނު 13 އަހަރަށް ޖަލަށްލުމަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ އިތުރުން ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް ސްޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.