މާލެއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
މާލެއަށް ވާރޭ ވެހެން ފެށީ ފަތިހު 04:00 ޖާކަން ހާއިރުން ފެށިގެންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މާލެއަށް ތިން ގަޑިއިރުގެ ތެރޭގައި 48 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. މީގެ އިތުރުން ހުޅުލެއަށް ވަނީ ތިން ގަނޑިއިރުގެ ތެރޭގައި 51 މިލިލީޓަރުގެ ވާރޭ ވެހިފައެވެ. ވާރޭ ވެހުމުގެ ސަބަބުން ބައެއް ފްލައިޓްތައް ވަނީ ޑިލޭވެސް ކޮށްފައެވެ.
މިދިޔަ އާދިއްތަ ދުވަހުވެސް މާލެއަށް ވަނީ ބޯކޮށް ވާރޭ ވެރިފައެވެ. އެގޮތުން އެދުވަހު މާލެއަށް 50 މިލިލީޓަރުގެ ވާރޭ ވެހުނު އިރު ހުޅުލެއަށް ވެހިފައިވަނީ 39 މިލިލީޓަރުގެ ވާރޭއެވެ.
މާލެއަށް ވާރޭވެހި މަޖީދީމަގައި އަމީނީމަގުގެ އިތުރުން ކަށިމާ ހިނގުމާއި މާވެޔޮ މަގުގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން، ވެހިކަލްތައް ދުއްވުމަށާއި ހިނގާ ބިގާވެ އުޅުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. މީގެ އިތުރުން މާލޭގެ ބައެއް ސަރަހަރައްދުތަކުގައި ހުރި ގަސްތައް ވެސް ވަނީ ވެއްޓިފައެވެ. އެގޮތުން ޝަހީދު ހަލީ މިސްކިތުގައި އިން ބިޔަ ގައެއް، އެ މިސްކިތާ އިންވެގެން އިން މަގަށް ހުރަހަށް ވެއްޓި ވަނީ މަގު ބަންދުވެފައެވެ.

އެމްއެންޑީއެފް އިން ދަނީ މާލޭގެ މަގުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތްތައް ކުރަމުންނެވެ.
މޫސުމާ ބެގޭ ގައުމީ އިދާރާއިން ބުނީ، މިދުވަސްވަރު ރާއްޖޭގެ ސަރަހައްދަށް ކުރާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވާރޭ ކަމަށެވެ. މި ވިއްސާރަ ނޮވެމްބަރު މަހާ ހަމައަށް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކ.އޮތޮޅު ސަރަހައްދަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.