ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެވަޑައިގަތުމުން، އެމަނިކުފާނަށް ދަންނަވާ މަރުހަބާއަކީ ދިވެއްސަކަށް ކިޔާނެ އެންމެ ކުލަގަދަ މަރުހަބާއަށް ވެގެންދާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ ތައްޔާރީތަކާ ބެހޭ ގޮތުން އެމްޑީޕީގެ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމުން ވަރަށް ހިތްގައިމު މާހައުލެއް މާލެއިން ފެނިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނާ އެކު ރައީސް ނަޝީދަށް މަތިވެރި މަރުހަބާއެއް މާލެއިން ދަންނަވާނެ ކަމަށެވެ.
"ވަރަށް ކުލަ ގަދަ، ވަރަށް ފޯރިގަދަ، ވަރަށް ހިތްގައިމު މާހައުލެއް މާލެއިން ފެނިގެންދާނެ. މާލޭގައި ދިވެހިރާއްޖޭގެ ރައްޔިތަކަށް އެ ނޫން ވެސް މީހަކަށް މަރުހަބާ ދެންނެވޭނެ އެންމެ މަތިވެރި ގޮތަކަށް ނުވަތަ އެންމެ ކުލަގަދަ، އެންމެ އުފާވެރި ގޮތަކަށް މަރުހަބާ ދެންނެވޭނެ،" އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާ ކުރައްވާ އިންތި ވިދާޅުވިއެވެ.
ތޭރަ އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ރައީސް ނަޝީދު ރާއްޖެވަޑައިގެންނެވުމުން، ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި، އިންތި ތަކުރާރު ކުރެއްވީ އެމަނިކުފާނު ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައިކަން ޔަގީންވާ ކަމަށެވެ.
"ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި. ކުރީގައި ވެސް މިނިވަނެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް، އެ ދުވަހު އިރާދަ ކުރެއްވިއްޔާ އެއްވެސް ހުރަހެއް ނެތް ގޮތުގައި ވަޑައިގަންނަވާނެ. އެ ޔަގީންކަމާއެކީގައި މި ދަންނަވަނީ،" އިންތި ވިދާޅުވިއެވެ.
އަންނަ ބުރާސްފަތި ދުވަހު، ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމަށް ފަހު، ހުޅުލެއިން މާލެއަށް އެމަނިކުފާނު ވަޑައިގަންނަވާނީ ކަނޑުމަގުންނެވެ. އެމަނިކުފާނު މާލެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުގެ ހަވީރު ހަތަރެއް ޖަހާ އެހާކަންހާއިރުއެވެ.
އެއަށް ފަހު އެއް ނަމްބަރު ފާލަން ސަރަހައްދުން މާލެ ފައިބައިވަޑައިގެންނެވުމަށް ފަހު، ޗާންދަނީ މަގުން ދެކުނަށް ގޮސް، މަޖީދީމަގުން އިރަށް ގޮސް، އެމްޑީޕީ ހަރުގެ ސަރަހައްދަށް ވަޑައިގަންނަވާނެއެވެ. އަދި އެ ސަރަހައްދުގައި ހުންނަވައި ސަޕޯޓަރުންނާ މުހާތަބު ކުރައްވައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ.
ކަނޑުމަގުން ރައީސް ނަޝީދަށް ދަންނަވާ މަރުހަބާއާ ގުޅޭ ގޮތުން، އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހިމް ވިދާޅުވީ ކަނޑުމަގުން ދަންނަވާ މަރުހަބާގައި ބައިވެރިވުމުގެ ފުރުސަތު އިތުރު އުޅަނދުތަކަށް އަދިވެސް އޮތް ކަމަށެވެ.
"އަޅުގަނޑުމެން އެ ފުރުސަތު ބަންދު ކުރަން ގަސްތުކުރަނީ 31 ވަނަ ދުވަހުގެ ރެއަށް އެ ފުރުސަތު ދޭން ގަސްތުކުރަނީ. ދެން އެއް ވަނަ ދުވަހުގެ [ބުރާސްފަތި ދަހުގެ] 1:30 ވާއިރު، ހުޅުލޭ ބޭރުގައި އަޅުގަނޑުމެން ބޮޑު ދޯންޏެއް ބާއްވާނަން އެމްޑީޕީގެ ދިދަ ނަގައި ޒީނަތްތެރި ކުރެވިފައި. ބައިވެރިވާ ހުރިހާ އުޅަނދު ފަހަރެއް ވެސް އަންނަންވީ އެ ދޯނި ކައިރިއަށް،" އެމްޑީޕީގެ މަގުމަތީ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅޭ އަންވަރު ވިދާޅުވިއެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގަންނަވާ އެ ހަރަކާތާ ގުޅޭ ގޮތުން، މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ރައީސް ނަޝީދު މާލެވަޑައިގަތުމަށްފަހު، ހިނގާލުން ފައްޓަވާނީ ޗާންދަނީމަގު ރީފްސައިޑުން ކައިރިން ކަމަށެވެ.
އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި، ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ އަމިއްލަފުޅަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުންނެވުމަށްފަހު ދެ އަހަރާއި ނުވަ މަހާއި 11 ދުވަސް ފަހުންނެވެ.