ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފި އެވެ.
ސުޕްރީމް ކޯޓުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
މި ހަތަރު މައްސަލައިގެ ތެރެ އިން ނަޝީދުގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ހުށަހެޅޫއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުންނެވެ. އިމްރާނާއި ދެ ނާޒިމްގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ރާއްޖޭގެ އެންމެ މަތީ ކޯޓަށް ހުށަހެޅުއްވީ އެ ތިން ބޭފުޅުން އަމިއްލަ އަށެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައި ވަނީ 13 އަހަރުގެ ޖަލު ހުކުމެކެވެ. އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި އިއްވާފައި ވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އަދި މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ނާޒިމްގެ މައްޗަށް އިއްވާފައި ވަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ.
އެ ހަތަރު މައްސަލަ ވެސް ރިވިއު ކުރުމަށް ހުށަހަޅާފައިވާ ސަބަބުތަކަށް ބަލައި، އެ މައްސަލަތައް ހުށަހެޅުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ސުޕްރީމް ކޯޓުން ހޯމަ ދުވަހުގެރޭ ބުންޏެވެ.
ނަޝީދަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ސުޕްރީމް ކޯޓުން 2016 ގައި އޮތީ ތާއީދުކޮށްފަ އެވެ. އަދި އިމްރާނަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އިމްރާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ކުރީގެ މެމްބަރު ނާޒިމްގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން ވެސް ކުށް ސާބިތު ނުވާ ކަމަށް ނިންމާފައި ވަނިކޮށް އޭނާ 25 އަހަރަށް ޖަލަށް ލާން 2015 ގައި ހުކުމްކުރީ ސުޕްރީމް ކޯޓުންނެވެ.
ކާނަލް ނާޒިމް އަށް 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައި ވަނީ އެގެއިން ފިސްތޯލަ އެއް ފެނުނުކަމަށް ބުނެއެވެ.
އެ ހަތަރު ބޭފުޅުންގެ ތެރެއިން ނަޝީދު އާއި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް މި ވަގުތު ތިއްބެވީ އަމިއްލަ އަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގަ އެވެ. އިމްރާން މިވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ. އަދި ކާނަލް ނާޒިމް ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖެ އިން ބޭރުގައެވެ.
މިމައްސަލަތައް ބަލައިގެންފައި ވަނީ 1 ނޮވެމްބަރުގައި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އަދި އެމަނިކުފާނުގެ މައްސަލަ އަލުން ރިވިއުކޮށްދިނުމަށް ސުޕްރީމް ކޯޓަށް އިލްތިމާސް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް ނިންމާ މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށްވެސް ފޮނުއްވާފައެވެ.