ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 00:45
އަނޫ މަލިކު އިންޑިއަން އައިޑަލް ޝޯވްގެ އަނެއް ދެ ޖަޖުންނާއި އެކު
އަނޫ މަލިކު އިންޑިއަން އައިޑަލް ޝޯވްގެ އަނެއް ދެ ޖަޖުންނާއި އެކު
ގޫގުލް
އަނޫ މަލިކް
އަނޫ މަލިކް އިންޑިއަން އައިޑަލްގެ ފަނޑިޔާރުކަމުން ވަކިވެއްޖެ
4 އަންހެނަކު ވަނީ އަނޫ މަލިކުއަށް ތުހުމަތުތަކެއް ކޮށްފައި
ޝޯވްއިން ވަކިވީ އަނޫ މަލިކު އަމިއްލައަށް ބޭނުންވެގެން

މަޝްހޫރު މިއުޒިކް ކޮމްޕޯޒަރ އަނޫ މަލިކު އިންޑިއަން އައިޑަލްގެ ޝޯވްގެ ފަނޑިޔާރުންގެ ޕެނަލްއިން ވަކިވެއްޖެއެވެ.

 

ސޮނީ އެންޓަރޓެއިންމެންޓުން ދައްކާ އިންޑިއަން އައިޑަލް އަކީ އިންޑިޔާގެ ގިނަ ބައެއްގެ މެދުގައި ވަރަށް މަޤްބޫލު ޝޯވްއެކެވެ. ސޮނީ އިން ހާމަކޮށްފައިވާގޮތުގައި އަނޫ މަލިކު މިޝޯވްއިން ވަކިވީ ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައިވުމާއި ގުޅިގެންނެވެ. އިންޑިޔާގައި އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މީޓޫ މޫވްމެންޓްގެ ދަށުން އަނޫ މަލިކު ހަތަރު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުވަނީކޮށްފައެވެ.

 

ސޮނީއިން ހާމަކުރި ގޮތުގައި ޝޯވްގައި މިހާރު ޖަޖުންގެ ތެރޭގައި ވިޝާލް ދަދްލާނީއާއި ނީހާ ކައްކަރު އާއި އެކު އިތުރު މެހެމާނުން ޝޯވްއަށް ގެނެސް ޖަޖުންގެ ޕެނަލްގައި ބައިވެރިވާނެ ކަމަށެވެ. އަދި އަނޫ މަލިކުގެ ބަދަލުގައި އިތުރު އެހެން ޖަޖެއް ވަރަށް އަވަހަށް އެޝޯވްއާއި ގުޅޭނެ ކަމަށް ސޮނީވަނީ ބުނެފައެވެ.

 

އަނޫ މަލިކު ޝޯވްއިން ވަކިވިކަން އިއުލާންކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިވަގުތު އިންޑިއަން އައިޑަލް ސީޒަން 10 އަކަށް ޖަޖުކޮށްދޭން ވަގުތު ނެތް ކަމަށާއި އެހެންކަމުން ޝޯވްއިން ވަކިވާން ނިންމާފައިވާ ކަމަށެވެ.

 

ލަވަކިޔުންތެރިން ކަމަށްވާ ސޯނާ މޮހަޕަތްރާއާއި ޝުވޭތާ ޕަންޑިތްގެ އިތުރުން އެހެން ދެ އަންހެން ލަވަކިޔުންތެރިންވެސް ވަނީ އެމީހުންނަށް އަނޫ މަލިކު ޖިންސި ފުރައްސާރަކޮށްފައިވާ ކަމަށް ބުނެފައެވެ.

އަނޫ މަލިކު ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާގެ ލޯޔަރު ބުނެފައިވަނީ މީޓޫ މޫވްމަންޓްގެ ސަބަބުން އަނޫ މަލިކުގެ އަގު ވެއްޓިފައިވާ ކަމަށާއި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

 

- ކޮމެންޓް