ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ހުއްދަ ނެތި ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އީޕީއޭ އިން ބުނީ ފަހަކަށް އައިސް މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދާކަން އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އީޕީއޭ އިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމާއި ބެހޭ ޤަވާއިދު"ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކަން ކުރެވޭނީ އެ އެޖެންސީގެ ހުއްދަ ލިބިގެން ކަމަށެވެ.
މީގެ އިތުރަށް އީޕީއޭ އިން ބުނީ ރުއްގަސް ކެނޑުމާއި، ނެގުމާއި، އުފުރުން ނުވަތަ އެއް ރަށުން އަނެއް ރަށަށް ގެންދެވޭނީ ކޮންމެހެން އެނޫން ގޮތެއް ނެތިގެން ހަމައެކަނި ޒަރޫރީ ބޭނުމަށް، ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއް ރަށުން އަނެއް ރަށަށް ގެންދިއުމަށް އޮންނަ އުސޫލާ އެއްގޮތުގެ މަތީން ކަމަށެވެ.
އީޕީއޭ އިން ބުނީ ހުއްދަ ނެތި މިފަދަ މަސައްކަތްތައް ކުރަމުން ގެންދާ ފަރާތްތަކާ ދޭތެރޭ މިއެޖެންސީގެ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާ ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އަދި މިފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އީޕީއޭ އިން މައުލޫމާތު ދެއެވެ.