ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، ޖަލު ހުކުމް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުންނާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެއް ސޮއިކޮށް މަޖިލީހަށް ހުށަހެޅި އެ ގަރާރު ބަލައިގެންފައި ވަނީ 48 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ. އަދި ހަތަރު މެމްބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވައެވެ.
އެ ގާރާރު ދިރާސާ ކުރެއްވުމަށް ފޮނުވި ކޮމެޓީއަކީ ސަރުކާރުގެ އަގުލަބިއްޔަތު އޮތް ކޮމެޓީއެކެވެ. ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް މުގައްރިރުކަން ކުރައްވާ އެ ކޮމެޓީގައި ހިމެނެނީ އިދިކޮޅު ތިން މެމްބަރުންނެވެ. ދެން އެ ކޮމެޓީގައި ހިމެނޭ 8 މެމްބަރުންނަކީ ވެސް ޕީޕީއެމްގެ މެމްބަރުންނެވެ.
ރައީސް ނަޝީދު މިނިވަން ކުރުމަށް ޖުމްލަ 49 މެމްބަރަކު ސޮއި ކުރި ގަރާރުގައި ޕީޕީއެމްގެ 12 މެމްބަރަކު ސޮއި ކުރައްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ގަރާރު ހުށަހަޅުއްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތަކީ ސިޔާސީ ލީޑަރެއްގެ ހަސަދަވެރިކަމުގައި ހިންގި ސިޔާސީ ބޮޑު ޗަރުކޭހެއް ކަމަށެވެ.
"ހަވާ ފަޓާސް އަރުވާފައި އެ ހިންގި ޝަރީއަތަކީ، އެ އިއްވި ހުކުމަކީ ސިޔަސީ ލީޑަރެއްގެ ހަސަދަވެރިކަމުގައި ހިންގި ސިޔާސީ ބޮޑު ޗަރުކޭހެއްކަން ދިވެހި ހުރިހާ ރައްޔިތުން ލޯހުޅުވައިގެން ތިބި ހުރިހާ ރައްޔިތުންމެ، ހެކިވާނެ. އިއްޒަތްތެރި ރައީސް، އެއީ ސިޔާސީ ހުކުމެއްކަން މުޅި ދުނިޔެ ވެސް ހެކިވި،" އީވާ ވިދާޅުވިއެވެ.
ގަރާރުގެ ބަހުސްގެ މަރުހާލާގައި ވާހަކަފުޅު ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ ރައީސް ނަޝީދަށް ޝަރީއަތް ކުރީ އިންސާފުން ނޫން ކަމަށާއި އެމަނިކުފާނަށް އިއްވާފައިވާ ހުކުމް މުރާޖާ ކުރަންޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދަށް އިއްވާފައިވާ ހުކުމް ބާތިލު ކުރަން ސުޕްރީމް ކޯޓަށް އިލްތިމާސް ކުރާއިރު، ބޭއިންސާފުން ޝަރީއަތްކޮށްފައިވާ މީހުންނަށް ވެސް އިންސާފު ހޯދަންޖެހޭ ކަމަށް ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން ވިދާޅުވިއެވެ.
"ވަރަށް އިހްލާސްތެރި ހެޔޮ ހިތަކާގެން މި ދަންނަވަނީ އެމަނިކުފާނު ވެސް މިނިވަންވާންވީއޭ. މިނިވަންވާން ބޭނުން ވެސް ވޭ. ހަމަ އެފަދައިން މިދެންނެވި ގޮތަށް އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ބޭއިންސާފުން ކަންކަން ހިނގާފައި ހުރި މީހުން މިނިވަންވުން އެއީ އަޅުގަނޑު އެދޭ ގޮތް،" ބަހުސްގެ މަރުހަލާގައި އަލީ އާރިފް ވިދާޅުވިއެވެ.