ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ހުކުމް ކުރުން ހޯމަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފިއެވެ.
މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބުﷲ އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލައެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުން ބައްލަވާ އެ މައްސަލަތަކުގައި އެންމެ ފުރަތަމަ ހުކުމް ކުރަނީ އަބްދުﷲ އަހުމަދުގެ ގޮނޑިގެ މައްސަލާގައެވެ. އެ މައްސަލައިގެ ހުކުމް ކުރުން ތާވަލުކޮށްފައި ވަނީ ހެނދުނު 9:45އަށެވެ. އެއަށްފަހު 10:45ގައި ސިނާންގެ ގޮނޑިގެ މައްސަލާގައި ހުކުމް ކުރަން ތާވަލުކޮށްފައިވާއިރު، އިލްހާމްގެ ގޮނޑިގެ ހުކުމް ކުރާނީ މެންދުރުފަހު 1:15ގަ އެވެ. ހޯމަ ދުވަހު ސުޕްރީމް ކޯޓުން އެންމެ ފަހު ހުކުމެއްގެ ގޮތުގައި ކުރާނީ ސައުދުﷲގެ ގޮނޑިގެ މައްސަލާގައެވެ. އެހުކުމް ކުރަން ތާވަލުކޮށްފައި ވަނީ މެންދުރުފަހު 2:15ގައެވެ.
ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މި މަހުގެ އަށް ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ގޮނޑީގެ ސައްހަކަން ކަށަވަރުވި ހަތަރު މެމްބަރުން ވަނީ އާދީއްތަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ފައްޓަވާފައެވެ. އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވީ އެއް އަހަރާއި ތިން މަހާއި 15 ދުވަސް ފަހުންނެވެ.