ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ތިން ގާނޫނަކަށް އިސްލާހު ގެނައުމުގެ ތިން ބިލެއް ރައްޔިތުންގެ މަޖިލީހުން ވޯޓަށް އަހައި، އެ ބިލްތައް ބާތިލްކޮށް، މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އެ ތިން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި ޖިނާއި އިޖުރާއަތުގެ ގާނޫނުގެ އިތުރުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ގެނައުމުގެ ބިލްތަކެވެ.
އެގޮތުން، މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާ ކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ފާސްކުރުމަށް ފޮނުވި، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާއިރު ދައްކަންޖެހޭ ފީ 15،000ރ އަށް ބޮޑު ކުރުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބާތިލްކޮށް، ބޭރުކޮށްލާފައި ވަނީ 50 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. އެބިލް ފާސްކުރުމަށް 15 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ އެއް މެމްބަރަކު އިންނެވި އެވެ.
ތަންފީޒުކުރާ އިދާރާއަކުން ތަހުގީގު ކުރަމުންދާ ޖިނާއީ ކުށަކާއި ގުޅިގެން އާއްމުތަނަކަށް ވަންނަން ޖެހިއްޖެނަމަ، ކޯޓު އަމުރަކާއި ނުލައި، އެތަނަކަށް ވަނުމުގެ ބާރު، ގާނޫނު ތަންފީޒު ކުރާ ކޮންމެ އިދާރާއަކަށް ލިބިދެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ބާތިލްކޮށް، ބޭރުކޮށްލާފައިވަނީ 66 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. އެ ބިލް ފާސްކުރުމަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު، ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ އެއް މެމްބަރަކު އިންނެވި އެވެ.
މީގެއިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސްގެ ނަމަށް ބަދަލު ކުރަން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީ ހުށަހެޅި އިސްލާހު ގެނައުމުގެ ބިލް ބާތިކޮށް، މަޖިލީހުން ބޭރުކޮށްލާފައިވަނީ 61 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. އެބިލް ފާސްކުރުމަށް 4 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ފަސް މެމްބަރުން ތިއްބެވި އެވެ.