ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުން މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ފެން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ އަމީނީމަގު ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ކައިރީގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއަދު 11 ޖަހާކަންހާ އިރު ވާރޭ ވެހެން ފެށިތާ މާގިނައިރުތަކެއް ނުވެ މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވި އެވެ. އަމީނީ މަގުގެ ފެން ހިންދާ ނިޒާމާއި ޕަންޕިން ސްޓޭޝަންތައް ރަނގަޅު ފެންވަރަކަށް ހަދާފައިވާއިރު، މިއަދު ވެހުނު ވާރޭގައި އެ މަގުގެ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައި ވެއެވެ.
ގިނަ އިރުތަކެއް ވަންދެން ވާރޭ ވެހުމުގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭގައި ވެސް ފެންބޮޑުވި އެވެ.

ވާރޭ ވެހެން ފެށިތާ މާގިނަ އިރުތަކެއް ނުވަނީސް މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

މިއަދު މެންދުރު 1:50 އިން ހަވީރު 6:00 އާ ހަމައަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ވެސް މޫސުމާއި ބެހޭ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.
މޫސުމާއި ބެހޭ އިދާރާ އިން ބުނީ ވައިޖެހޭނީ އުތުރުގެ އަތޮޅުތަކަށް، އިރާއި އިރުދެ ކުނުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، މެދުތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައި ކަމަށެވެ.
އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާ ކޮށްފައެވެ.