އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވުމާއި އިންތިހާބީ ނާއިބު ރައީސް ފައިސަލް ނަސީމު ނާއިބު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ބާއްވަން ޖެހޭ ޖަލްސާ ބާއްވާނެ ދުވަހެއް ކަނޑައެޅުމަށްޓަކައި މަޖިލީހުގެ ހަތް މެމްބަރުންގެ ކޮމެޓީ އަކަށް ފޮނުވައިފި އެވެ.
އިންތިހާބީ ރައީސް ސޯލިހް އާއި އިންތިހާބީ ނާއިބު ރައީސް ފައިސަލް ހުވާ ކުރެއްވުމަށް ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާނެ ދުވަހެއް ކަނޑަ އެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އާދިއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކުރެވި، ގިނަ މެމްބަރުން ވަނީ ބަހުސް ކުރައްވާފަ އެވެ. އަދި އެމައްސަލަ 7 މެމްބަރުންގެ ކޮމެޓީ އަކަށް ފޮނުވުމަށް ހުށަހެޅުއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ރިޔާޒު ރަޝީދު އެވެ. ރިޔާޒުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރ އަބްދުﷲ ރިޔާޒު އެވެ.
ހަތް މެމްބަރުންގެ ކޮމެޓީގައި ހިމެނެނީ:
1. ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
2. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
3. ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް
4. މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު
5. ކަނޑިތީމް ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން
6. ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު
7. ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު
އެ މައްސަލަ ހަތް މެމްބަރުންގެ އެ ކޮމެޓީ އަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 68 މެމްބަރުންގެ އިއްތިފާގުންނެވެ.