ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ހިމާޔަތް ދިނުމަށް ކަމަށް ބުނެ ސިފައިންގެ ބެލުމުގެ ދަށުން އާރަށުގައި ބެހެއްޓި މައްސަލައިގަ އެވެ. އެހެން ނަމަވެސް އެ ދައުވާ އަށް އަމީން ފައިސަލް އިންކާރު ކުރައްވާފައި ވެއެވެ.
ރައީސް ޔާމީން ބަންދުކުރި މައްސަލާގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ ކްރިމިނިލް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.
ރައީސް އަބްދުﷲ ޔާމީން މުލަކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނަވަނިކޮށް، އެމަނިކުފާނު ހައްޔަރުކޮށް ކ. އާރަށުގައި ބެހެއްޓާފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި 10 ވަނަ ދުވަހުގެ ރޭގައެވެ.