އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މިމަހުގެ 31 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ބަޖެޓްގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ފިނޭންސް މިނިސްޓްރީ އާ ގުޅިގެންނެވެ.
އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ނާއިބު މުގައްރިރު އަދި ފިނޭންސް މިނިސްޓްރީ އަށް ކަނޑައަޅާފައިވާ ޓްރާންސިޝަން ކޮމިޓީގައި ވެސް ހިމެނޭ މެމްބަރު އިބްރާހިމް އަމީރު ބުނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ވެގެން ދާނީ 2018 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ބަލާ މިންވަރަށް ވުރެ ބޮޑު ނު ވާނެ އަދަދެއް ކަމަށެވެ.
ބަޖެޓްގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އޭނާ ބުންޏެވެ.
ގާނޫނުގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން އޮކްޓޫބަރު 31 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅަންޖެހެއެވެ.
ކޮންމެ މަލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ހަރަދާއި ދައުލަތަށް ލިބޭނޭ ކަމަށްލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އާމްދަނީ ގެ ހިސާބު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ގަނޫނުގައި ބަޔާންކޮށްފައި ވެއެވެ.