އެމަނިކުފާނު ހުވާ ކުރެއްވީ ގާނޫނުއަސާސީއާ ހިލާފަށޭ ބުނަން ޖާގަ ދެއްވަން ބޭނުންފުޅުވެވަޑައި ނުގަންނަވާ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސާއި އިންތިޚާބީ ނައިބު ރައީސް ހުވާ ކުރައްވާނެ ދުވަސް ކަނޑައެޅުއްވުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ އެ މައްސަލާގައި އެމަނިކުފާނު ބޭނުންފުޅު ވެވަޑައިގަންނަވަނީ އެންމެންނަށް އެއްބަސްވެވޭ ދުވަހެއް ކަނޑައެޅުމަށް ކަމަށެވެ. އަދި ވިދާޅުވީ އެންމެންނަށް އެއްބަސްވެވޭ ދުވަހެއް ކަނޑައަޅައި، އެންމެ ފަހުގެ ނިންމުން ނިންމަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ސޯލިހު ވިދާޅުވިއެވެ.
"އެއްވެސް ޒަމާނެއްގައި، އެއްވެސް ދުވަހެއްގައި މި ފެށޭ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ އަޅުގަނޑު ކުރީ ގާނޫނުއަސާސީއާ ހިލާފަށޭ ބުނާނެ ޖާގަ ދޭކަށް އަޅުގަނޑުގެ އަމިއްލަ ނަފްސަކަށް ގަބޫލެއް ނުކުރެވޭ. އެހެންވީމަ އަޅުގަނޑަށް ފެންނަނީ މީގައި، ނިންމެން އޮތް އެންމެ ފަހުގެ ނިންމުން ނިންމަން. ރައްޔިތުންގެ މަޖިލީހުން މީގައި ގޮތެއް ނިންމިޔަސް، ކޮންމެ ވެސް ދުވަހަކު، ފަހަރުގައި މާދަމާ ނުގޮސްދާނެ. ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރާ ދުވަހު ނުގޮސްދާނެ. އެހެން ނަމަވެސް ޒަމާނެއްގެ ކޮޅުން، އެ މައްސަލަ ދާންވާ ތަނަކަށް ގޮސް، އެ ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ގޮތެއް ނިންމާތަން ދެކޭކަށް، އަޅުގަނޑު ހަމަ ގައިމު ވެސް ނޭދެން،" ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ، އިންތިހާބި ރައީސް ސޯލިހު ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ހުވާކުރައްވާނެ ދުވަހަކާމެދު ބަހުސް އުފެދިފައިވަނީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު، މިހާރުގެ ރައީސް އަބްދުﷲ ޔާމީން ކާމިޔާބުކުރައްވައިގެން ހުވާ ކުރެއްވީ އެ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އޭގެ ކުރިން ކޮންމެ ފަސް އަހަރަކުން އަންނަ ރިޔާސީ އިންތިޚާބަށް ފަހު ރައީސް ހުވާކުރައްވާފައި ވަނީ ނޮވެމްބަރު 11 ވަނަ ދުވަހު އެވެ.
މި ބަހުސްގައި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ގަބޫލު ކުރައްވަނީ ނޮވެމްބަރު 11 ގައި ސޯލިހަށް ހުވާ ކުރެއްވެން ވާނެ ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ބައެއް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ނޮވެމްބަރު 11 ގައި ހޮވާ ކުރައްވައިފި ނަމަ، އެކަން ވެގެންދާނީ ގާނޫނާ ހިލާފަށް ކުރެއްވި ކަމެއް ކަމަށެވެ. ސަބަބަކީ އެ މެމްބަރުން ވިދާޅުވާ ގޮތުގައި ކޮންމެ ރައީސަކަށް ވެސް ފަސް އަހަރު ފުރިހަމަ ކުރަން ދޭން ގާނޫނުގައި ބުނެފައި އޮތުމެވެ.
މި ބަހުސާމެދު ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތެއް ނެތްއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވެފައިވަނީ ބަހުސެއް އޮތް ކަމެއް ވެސް ނޫން ކަމަށެވެ. އެހެން ނޫންނަމަ، ދައުރުގެ މެދުތެރެއިން ރައީސްގެ މަގާމު ހުސްވެގެން އަލަށް އިންތިޚާބު ކުރާ ރައީސް އަށް ވެސް ފަސް އަހަރުގެ ފުރިހަމަ ދައުރެއް ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު ގާނޫނު އަސާސީ އޮތް ގޮތުން އެ ގޮތަށް ފުރުސަތު ދޭން ނުޖެހޭއިރު، ދިމާވި ހާއްސަ ހާލަތެއްގެ ދަށުން ރައީސް ޔާމީން ހުވާކުރެއްވުން ފަސްވި ނަމަވެސް، އިންތިޚާބީ ރައީސް ސޯލިހް ދައުރު ފެށުން ފަސްވެގެން ނުވާނެ ކަމަށެވެ.