އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިހާބީ ނާއިބު ރައީސް ފައިސަލް ނަސީމު ހުވާ ކުރައްވާނެ ދުވަސް ކަނޑައެޅުމުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް ނުބާއްވާތާ 88 ދުވަސް ފަހުން އާދީއްތަ ދުވަހު ބޭއްވި، މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިންތިހާބީ ރައީސް ހުވާ ކުރައްވާނެ ދުވަސް ކަނޑައެޅުއްވުމަށް ހުށަހެޅުއްވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކެވެ.
މޫސާ ހުށަހެޅުއްވި މައްސަލާގައި އިބޫ ހުވާ ކުރައްވާނެ ވަކި ދުވަހެއް ކަނޑައަޅައި ދިނުމަށް ހުށަހަޅުއްވާފަ އެއް ނުވެއެވެ. އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިހާބީ ރައީސް ހުވާ ކުރެއްވުމާ މެދު ހިޔާލުތަފާތުވުން އުފެދިފައި ވާތީ، އެ ދުވަސް ކަނޑައަޅުއްވައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ.
އެ މައްސަލާގައި މިހާތަނަށް ބަހުސް ކުރެއްވި ހުރިހާ ބޭފުޅުން ވެސް ވާހަކަފުޅު ދައްކަވާފައި ވަނީ ނޮވެމްބަރު 11ގައި އިންތިހާބީ ރައީސަށް ހުވާ ކުރެއްވެން ޖެހޭނެ ކަމަށެވެ. އެއީ ބަހުސެއް އޮތް މައްސަލަ އެއް ނޫން ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ. އަދި އެ ކަމުގައި މަޖިލީހުން ހައްލެއް ނު ހޯދިއްޖެނަމަ، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް މަޖިލީހުން އެދުމަށް ބައެއް މެމްބަރުން ވަނީ ގޮވާލައްވާފައެވެ.