އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އިންތިހާބީ ނާއިބު ރައީސް ފައިސަލް ނަސީމު ހުވާކުރުމަށް ބާއްވަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނޮވެމްބަރު 11 ގައި ބޭއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށާއި އަދި އެއީ ބަހުސެއް ކުރަންޖެހޭ ކަމެއް ވެސް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސް އާއި އިންތިހާބީ ނާއިބު ރައީސް ހުވާކުރުމަށް ބާއްވަންޖެހޭ ޖަލްސާ ބާއްވާނެ ދުވަހެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އިންތިހާބު ކުރެވޭ ރައީސްގެ ދައުރު ފެށޭ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ގައި ކަން ގާނޫނުއަސާސީން އެނގޭ ކަމަށެވެ. ރައީސަކު އިންތިހާބު ކުރަންޖެހޭ ހުރިހާ ކަމެއް ނޮވެމްބަރު 10ގެ ކުރިން ނިންމަން ޖެހޭ ކަމަށާއި ނޮވެމްބަރު 11 ވަނަ ދުވަހަކީ އިންތިހާބީ ރައީސް ހުވާކުރާ ދުވަސް ކަމަށް ގާނޫނުއަސާސީ އެކުލަވާލިއިރު އެކަމާ ގުޅިގެން ބަހުސް ކުރެއްވި މެމެބަރުން ގެންދެވި ކަމަށެވެ. ގާނޫނުއަސާސީގެ ރޫހަކީ ވެސް އެއީ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ދައުރުގެ މެދުތެރެއިން އިސްތިއުފާ ދެއްވައިފިނަމަ، ނުވަތަ ދައުރު ފުރިހަމަ ނުކުރައްވާ އިސްތިއުފާ ދެއްވައިފިނަމަ، ދެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަންގަވާ، ދެ މަސް ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން ޖެހޭ ކަމަށެވެ. އަދި އެ އިންތިހާބުވި މީހަކު ވެރިކަމުގައި ހުންނަވަނީ އެ ދައުރު ނިމެންދެން ކަމަށާއި އޭނާއަށް ފަސް އަހަރު ފުރިހަމަ ކުރަން ލިބިގެން ނުދާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.