ދޮޅު އަހަރަށް ފަހު އިދިކޮޅު މެމްބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފަށައިފި އެވެ.
އެންމެފަހުން މަޖިލީސް ޖަލްސާއެއް ބާއްވާފައިވަނީ އޯގަސްޓް މަހުގެ އެއްވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހު ހުށަހެޅުމާ ގުޅިގެން މަޖިލިހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލި މައްސަލައަށް ފަހު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ މަޖިލިހުގެ ޖަލްސާތަކުގައި ބައިވެރިވުން ހުއްޓާލައްވައިފަ އެވެ.
މަސީހު މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި އިންވެނީ ގާނޫނުތަކާ ހިލާފަށް ކަމަށާއި މަސީހު ރިޔާސަތުގައި އިންނަވައިގެން ކުރިއަށް ގެންދާ ޖަލްސާތަކަކީ ޣައިރު ގާނޫނީ ޖަލްސާތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މިއީ އެއަށްފަހުގައި މަޖިލީހުގެ ޖަލްސާތަކުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބައިވެރިވާ ފުރަތަމަ ފަހަރެއެވެ.
މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ރިޔާސަތު ބަލަހައްޓަވާ މިއަދު ޖަލްސާ ފެށިއިރު، 42 މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބެވި އެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާ ކުރެއްވުން ބާއްވަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާނެ ދުވަސް ކަނޑައެޅުމަށް އެޖެންޑާކޮށްފައި ވެއެވެ.
މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ކުރުމާއި، އދ. ގެ ނިންމުންތައް ތަންފީޒު ކުރުމަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރު އިއްވުމެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރު ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ބިލު ހިމެނޭއިރު، އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހަޅުއްވާފައިވާ ބިލް ވެސް ހިމެނެއެވެ.
މިއަދުގެ ޖަލްސާގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަ އެވެ.