އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނީ ނޮވެމްބަރު 11 ގައި ކަމަށާއި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހަވާލު ކުރުމަކީ މަޖިލީހުން ކުރަން ޖެހޭ ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް ގެނައި ބަދަލާއެކު އެމަޤާމު ގެއްލިވަޑައިގެންނެވި ފާއިޒު ހޮނިހިރު ދުވަހު ވިދާޅުވީ މުންތަޚަބު ރައީސަށް މަގާމު ހަވާލު ކުރުމަކީ މަޖިލީހާ ޤާނޫނު އަސާސީން މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ. އަދި މުންތަޚަބު ރައީސް ހުވާކުރައްވާނެ ދުވަސް ރައްޔިތުންގެ މަޖިލީހަށް ކަނޑަނޭޅިއްޖެ ނަމަ ނޮވެމްބަރު 11 ގެ ކުރިން ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދިދާނެކަމަށް ފާއިޒު ވިދާޅުވިއެވެ.
މީގެ ކުރިން 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި އޭރުގެ އިންތިހާބީ ރައީސް އަބްދުﷲ ޔާމީން ހުވާ ކުރައްވަންދެން އޭރުގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އިސްތިއުފާ ނުދެއްވާ ހުންނަވަން ނިންމެވީ ސްޕްރީމް ކޯޓުގެ ހުކުމަކުންނެވެ. މަގާމުގައި ދެމި ނުހުންނެވޭނެ ކަމަށް ރައުޔު ދެއްވީ ތިން ފަނޑިޔާރެކެވެ. އޭގެތެރޭގައި ފާއިޒު ވެސް ހިމެނި ވަޑައިގަންނަވައެވެ.
ފާއިޒު ވިދާޅުވީ މަގާމުގައި ދެމި ނުހުންނެވޭނެ ކަމަށް ލަފާ ދެއްވުމުން ރައީސް ވަހީދު ފައިޒާއި ބައްދަލު ކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި އިސްތިއުފާ ދެއްވަން ދެންނެވި ކަމަށާއި، ރައީސް ވަހީދު އިސްތިއުފާގެ ސިޓީ ތައްޔާރު ކުރެއްވިކަން ވެސް އެނގިވަޑައިގެންނެވި ކަމަށް ފާއިޒު ވިދާޅުވިއެވެ. ފާއިޒު ވިދާޅުވީ އެގޮތަށް ލަފާ އެރުވީ ނޮވެމްބަރު 11 އާއި ހަމައަށް ދިޔަ އިރު ރައީސަކު އިންތިހާބު ނުކުރެވުނު ނަމަވެސް މަޖިލީހުގެ ރައީސަށް ސަރުކާރު ހިންގުމާ ހަވާލުވެވިދާނެތީ ކަމަށެވެ.
ފާއިޒު ވަނީ ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާ ކުރެއްވުމާއި ބެހޭ ގޮތުން ބަޔާންކޮށްފައިވާ ދެ މާއްދާއާއި ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާފައެވެ.
ފާއިޒް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ހުވާ ކުރައްވާނެ ތާރީޚެއް ކަނޑައެޅުމަށް އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނިކޮށެވެ.