ގިނަ ދުވަސްތަކަކަށް ފަހު އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، އިންތިޚާބީ ރައީސުލްޖުހޫރިއްޔާ، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިއީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގައި ތަޅުއަޅުވައި ސިފައިން މަޖިލީހުގެ އިދާރާ ހިސޯރު ކުރި ފަހުން އިދިކޮޅު ކޯލިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ޖަލްސާއެވެ.
އިންތިޚާބީ ރައީސް ސޯލިހް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ސަލާމަތީ ބާރުތަކުން މަޖިލިސް ހިސޯރު ކުރިތާ ދޮޅު އަހަރަށްފަހު އިދިކޮޅު ފަރާތްތަކުން ބައިވެރިވާ ފުރަތަމަ ޖަލްސާ އާދީއްތަ ދުވަހު ހެނދުނު 9 ޖަހާއިރު ބޭއްވުމަށް ނިންމާފައިވާއިރު އެޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ފުރަތަމަ ޖަލްސާއެވެ. އެޖަލްސާގެ އެޖެންޑާގައި، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާ ކުރެއްވުން ބާއްވަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާނެ ދުވަސް ކަނޑައެޅުމަށް އެޖެންޑާކޮށްފައި ވެއެވެ.
މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ކުރުމާއި، އދ. ގެ ނިންމުންތައް ތަންފީޒު ކުރުމަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރު އިއްވުންވެސް ވަނީ އެޖެންޑާ ކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރު ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ބިލުގެ މައްސަލައާއި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހަޅުއްވާފައިވާ ބިލް ވެސް އެޖެންޑަގައި ހިމެނެއެވެ.