ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ, ޖަރީމާ ހިންގާފައިވާ އެއްވެސް ފަރާތެއް ވަކި ޕާޓީއަކަށް ސޮއިކުރުމަކީ އެ މީހަކު ކުރި ޖިނާއީ ކުށަކުން ބަރިއްޔަ ވެވޭނެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަަލަސުރުހީ ޕްރޮގްރާމްގައި ޑރ. ހުސެއިން ވިދާޅުވީ އެފަދަ ތުހުމަތެއް ކުރެވިފައިވާ ފަރާތެއް މައްޗަށް ސާބިތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ އެކަން ސާބިތު ކުރެވޭނެ ކަމަށާއި އެމީހަކަށް އެކަމުން ސަލާމަތް ވެވޭނެ ގޮތެއް ނޯންނާނޭ ކަމަށެވެ.
ސިޔާސީ ޕާޓިތަކަކީ ރައްޔިތުންގެ އެއްޗެއް ކަމަށާއި އެއީ ރައްޔިތުންގެ މިލްކެއް ކަމުން ރާއްޖޭގައި ހުރި ސިޔާސީ ޕާޓީތަކުން ކުރެ ޕާޓީއެއްގައި ބައިވެރި ވުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެެވެ. ޕާޓީއަކަށް ސޮއިކުރި ނަމަވެސް އެމީހާ އަކީ މެންބަރަކަށް ވުމަކީ، މާޒީގައި ނުބައި ކަމެއް ކޮށްފައި އޮތް މީހެއްނަމަ އެމީހަކު ބަލައި ނުގަންނާނެ ކަމަށާއި ސިޔާސީ ޕާޓީތަކަކީ ނުބައި ޖަރީމާތައް ހިންގާފައި ފިލަން އަންނަ ނިވާފަތް ގަނޑަކަށް ނުހެދޭނެ އޭނާ ވިދާޅުވި އެވެ.
"ވަކި ޕާޓީއެއްގެ ނިވާފަތްގަނޑަށް ވަދެ ހުރެ، ތިމަންނާއާ މެދު އެކަންކަން ނުހިނގާނޭ ކަމަށް ގަބޫލުކުރުމަކީ ވަރަށް ދޯދިޔާ ތާކުން ތާކު ނުޖެހޭ ކަމެއް. ޔަގީން އެއްވެސް ސިޔާސީ ޕާޓީއަކުން މިދެންނެވި ވަކި ކުށްވެރިއަކު ނުވަތަ ކުށްވެރި އެއް ކަމަށް ބެލެވޭ މީހަކު ދިފާއުކުރުމަ ކަށް އެއްވެސް ކަމެއް ނުކުރާނެ،" ޑރ. ހުސެއިން ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތައް އުފެދިފައި ހުރީ ވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި، ރަނގަޅު ސިޔާސަތުތައް ރައްޔިތުންނަށް ހޯދައި ދީ ޖަވާބުދާރީ ވަނިވި ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ކުރުމަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.