އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބަދަލުގައި އެޤައުމުގެ ނައިބު ރައީސް ވަޑައިގެންފާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން ރައީސް ސޯލިޙް ހުވައި ކުރައްވާ ރަސްމިއްޔާތަށް ގިނަ ޤައުމުތަކެއްގެ ވެރިން ވަޑައިގަންނަވާ ކަމަށްވާ ނަމަ މޯދީ އެރަސްމިއްޔާތަށް ވަޑައިނުގަންނަވާނެއެވެ. އަދި އެފަދަ ޙާލަތެއްގައި އެމަނިކުފާނު ރާއްޖެއަށް ވަޑައިގަންނަވާނީ ކައިރި މުސްތަޤްބަލެއްގައި ފުރަމާނަ ދަތުރުފުޅެއްގައެވެ. މީގެ އިތުރުން ރައީސް ސޯލިޙް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ އަވަށްޓެރި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަޑައިގަންނަވާނެކަމަށް ބެލެވިފައިވާއިރު، އިމްރާން ޚާންއާ އެކު އެއް ރަސްމިއްޔާތަކުން ފެނިވަޑައިގަތުމަށް މޯދީ ބޭނުންފުޅު ނުވެދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ވާދަވެރިކަން ބޮޑު މި ދެޤައުމުގެ ދެމެދުގައި ފަހަކަށް އައިސް އަނެއްކާވެސް ބަހުގެ ޙަމަލާތައް ބަދަލުކުރުން ވަނީ އިތުރުވެފައެވެ.
އިންޑިއާގެ ޚާރިޖީ މަސްދަރުތަކާއި ހަވާލާދީ އެޤައުމުގެ ނޫސްތަކުން ބުނާ ގޮތުން މޯދީ ވަޑައިނުގެންފާނެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ވަޑައިގަންނަވާ ލީޑަރުންގެ ތެރެއިން ބޭފުޅަކަށް ވުމުން މޯދީއަށް ލިބިވަޑައިގަންނަވާ ސަމާލުކަން ކުޑަވެގެންދާނެތީއެވެ. އެހެންކަމުން އިންޑިއާގެ އޮފިޝަލުން ބޭނުންފުޅުވަނީ މޯދީ ރާއްޖެއަށް ވަކި ޚާއްސަ ދަތުރުފުޅެއް ކުރެއްވުމަށެވެ.
މޯދީއަކީ އިންތިޚާބީ ރައީސް ސޯލިޙަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި ދުނިޔޭގެ ލީޑަރުންގެ ތެރެއިން އެއް ބޭފުޅާއެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާ ކުރިއަށްދާއިރު ދޭތެރެ ދޭތެރެއިން އިންޑިއާގެ އޮފިޝަލުން ގެންދަވަނީ ގުޅިފައިވާ ޕާޓީތަކާއި ބައްދަލުކުރަމުންނެވެ. އެގޮތުން ނިމުނު ހަފްތާގައިވެސް އިންޑިއާގެ ޚާރިޖީ ވުޒަރާގެ ޖޮއިންޓް ސެކްރެޓަރީ ދިނޭޝް ޕަޓްނައިކް ވަނީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ސިޔާސީ ގޮތުން އިސްކޮށް އުޅުއްވާ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި، ޑިރެކްޓަރ އޮފް ޓްރާންސިޝަން އަހުމަދު ލަތީފާއި މާލޭގައި ބައްދަލުކުރައްވާފައެވެ.
ރައީސް ސޯލިޙް ހުވައި ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަޑައިނުގެންނެވި ނަމަވެސް، އިންޑިއާގެ އާއްމު އިންތިޚާބުގެ ކުރިން އެމަނިކުފާނު ރާއްޖެއަށް ވަޑައިގަންނަވާނެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއާއިއެކު އޮންނަ ގުޅުން ރާއްޖެއިން ކުޑަކޮށްފައި އޮތުމުގެ ސަބަބުން ދެޤައުމުގެ ގުޅުން ވަނީ މިއިން ޒަމާނަކު ގޯސްނުވާހާ ގޯސްވެފައެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން މޯދީ ވަޑައިނުގަންނަވާ ހަމައެކަނި ޤައުމަކީވެސް ދިވެހިރާއްޖެއެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިޙްގެ ވެރިކަމުގައި އިންޑިއާއާއިއެކު އޮންނަ ގުޅުން ބަދަހިކުރައްވާނެކަމަށް ވިދާޅުވެފައި ވުމާއިއެކު، އިންޑިއާއިންވެސް ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ސޯލިޙް އެންމެ ފުރަތަމަ ވަޑައިގަންނަވާނެކަމަށް ބެލެވޭ ޤައުމަކީވެސް އިންޑިއާއެވެ.
ޤައުމުތަކުގެ ވެރިން ރައީސް ސޯލިޙް ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، އިންޑިއާއަށް ދައުވަތު ފޮނުވާފައިވާކަން އަދި ކަށަވަރެއް ނޫނެވެ. އެހެންނަމަވެސް ފޮރިން މިނިސްޓްރީއިން އެދައުވަތު ޤައުމުތަކަށް ފޮނުވަމުންދާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމި، 11 ވަނަ ދުވަހު އައު ދައުރު ފެށޭއިރު، ރައީސް ޔާމީންގެ ސަރުކާރުން ގެންދަނީ ދައުރު ނިމޭނީ ނޮވެމްބަރު 16 އަށްކަމަށް ބުނަމުންނެވެ. އެހެންނަމަވެސް 11 ވަނަ ދުވަހު އެމަނިކުފާނު ހުވައި ކުރެއްވުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އާދިއްތަ ދުވަހު ގޮތެއް ނިންމާނެއެވެ.