ރައްޔިތުންގެ މަޖިލީހުން އާދިއްތަ ދުވަހު ބާއްވާ ޖަލްސާއަށް މުހިއްމު ގިނަ ކަންތައްތަކެއް އެޖެންޑާ ކޮށްފައި ވަނިކޮށް، ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.
އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހެނދުނު 09:00 ގައި ފެނުމަށް ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 51 މެމްބަރުންގެ ސޮޔާއެކު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅާފަ އެވެ. އަދި އެމައްސަލައަށް ވޯޓަށް އެހުން ނޮވެމްބަރު މަހުގެ 08 ވަނަ ދުވަހަށް ވަނީ އެޖެންޑާ ވެސް ކޮށްފަ އެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުން އެމައްސަލައަށް ގޮތެއް ނިންމަންދެން މަޖިލީހުގެ ކަންކަން ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސް އާއި އަމީން އާންމު އެވެ. އަދި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އެވެ.
އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަންތައްތަކަކީ، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރުމާއި އިންތިހާބީ ނާއިބު ރައީސް މަގާމުގެ ހުވާ ކުރުމަށް ބާއްވަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާނެ ދުވަހެއް މަޖިލީހުން ނިންމުމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމާއި ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރެވެ.
މީގެއިތުރުން މެމްބަރުންގެ ގޮނޑި ގެންލޭ ގޮތަށް ހަދާފައިވާ އެންޓީ ޑިފެކްޝަން ގާނޫނާއި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ގާނޫނު އުވާލުމަށް ހުށަހަޅާފައިވާ ބިލް ވެސް ހިމެނެ އެވެ.
ސަރުކާރު ހިންގާ ޕީޕީއެމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލިފައިވާއިރު، ސަރުކާރު ކޯލިޝަނުގައިވާ ކަމަށްބުނާ އެމްޑީއޭގެ ބައިވެރިވުން ނުފެންނަކަން ވެސް ވަނީ ނިމިދިއަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސް ވަރުން ފެށިން ފާހަގަ ވަމުން ނެވެ.
މީގެއިތުރުން ޕީޕީއެމް އެތެރެ ވަރަށް ބޮޑަށް ރޫޅިފައިވާއިރު، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ވެސް ވަރަށް ބޮޑެތި ހިތްހަމަ ނުޖެހުންތައް ދަނީ ފެންމަތި ވަމުން ނެވެ.