ށ. ޅައިމަގުގައި ގާވާއިދާ ހިލާފަށް ގިނަ ރުށް ކަނޑާ ކަމަށް ދެކޭވޭ ވާހަކަތައް އެރަށުގެ ކައުންސިލުން ދޮގުކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އަބްދުލްޣަނީ އިބްރާހިމް ވިދާޅުވީ ގަވާއިދާ ހިލާފަށް ރުށް ކަނޑާ ވާހަކައަކީ ދޮގެއް ކަމަށާއި، އެއްވެސް މަސައްކަތެއް ގަވާއިދާ ހީލާފަށް ނުކުރާ ކަމަށެވެ.
އަބްދުލްޣަނީ ވިދާޅުވީ ސަރުކާރުން ހިންގާ ކުނި މޭނޭޖްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ދެކުނު ފަރާތުގައި ކުނިކޮއްޓެއް އެޅުމުގެ މަސައްކަތްކުރާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ކުނި ކޮށި އަޅާ ސަރަހައްދުގެ ބިން ސާފުކުރުމާއި، ކުނިކޮއްޓަށް ދިއުމަށް އޮންނަ މަގު ކެނޑުމުގެ މަސައްކަތް ކަމަށެވެ. ކުނިކޮށި އެޅުމުގެ މަސައްކަތް ކުރަމުންދަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުންކަން ފާހަގަކުރައްވައި އަބްދުލްޣާނީ ވިދާޅުވީ ކުނިކޮއްޓައް ބޭނުންވާ ބިން ސާފުކުރާއިރު، އެ ބިމުގައި ހުރި ރުށްގަސްތައް ކަނޑާނެ ކަމަށެވެ. އަދި ވިދާޅުވީ ކުނިކޮއްޓައް ދާ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ކަނޑާލަނީ ކޮންމެހެން ވެސް ކަނޑަން ޖެހޭ ރުށް ގަސް ކަމަށާއި، ގަސް ނުކަނޑައިވޭތޯ ބަލާ ކަމަށެވެ.
އަބްދުލްޣަނީ ވިދާޅުވީ ދިހަހާސް އަކަފޫޓުގެ ބިމެއްގައި ހަދާ ކުނިކޮށީގެ ބިން ސާފުކުރުމުގެ ހުރިހާ މަސައްކަތެއް ހަވާލުކޮށްފައި ވަނީ ކައުންސިލާ ކަމަށާއި، މި މަސައްކަތަށް ރަށު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ. އަދި މިމަސައްކަތް ބާރު ސްޕީޑްގައި ވެސް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޅައިމަގުގެ ކުނީގެ ހާލަތަށް އަލިއަޅުއްވާ ލައްވާ އަބްދުލްޣަނީ ވިދާޅުވީ ކުނީގެ މައްސަލައަކީ އެރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި، އެރަށުގައި ކުނި ރައްކާތެރިކަމާ އެކު ނައްތާލެވޭނެ އެއްވެސް ނިޒާމެއް ނެތް ކަމަށެވެ.
އެގޮތުން އެރަށުގެ ހުރިހާ ރައްޔިތުން ވެސް ކުނި އަޅަމުންދަނީ ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ބޮޑު ވަޅުގަނޑަކަށް ކަމަށާއި، ވަޅުގަނޑު ފުރުމުން ކުނި އަންދަނީ ކަމަށް އަބްދުލްޣަނީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ވިއްސާރަ މުސޫމުގައި ކުނި އަންދާ ނުލެވި ގިނަ އުނދަގޫތަކާއި ރައްޔިތުން ކުރިމަތިލާން ޖެހޭ ކަމަށާއި، މުޅި ރަށަށް ކުނީގެ ނުބައި ވަސް ފެތުރޭ ކަމަށެވެ.
އަބްދުލްޣަނީ ވިދާޅުވީ އެރަށުގެ އިރުއުތުރު ސަރަހައްދުގައި މީހުން ދިރިއުޅެމުންދާއިރު، ކުނިކޮށި ހަދަނީ ދެކުނު ފަރާތުގައި ކަމަށާއި، މިކުނިކޮށްޓާއެކު ކުނީގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ. އެހެންކަމުން ދާދި އަވަހަށް ކުނިކޮށީގެ މަސައްކަތް ނިމި، ކުންޏަށް ދިމާވެފައިވާ މިމައްސަލަ ހައްލުވާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނަ ވިދާޅުވިއެވެ.