ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ހދ. ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފިއެވެ.
ހުކުރު ދުވަހު ބޭއްވި ވެހިކަލް ބުރުގައި ކޯލިޝަނަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
މި ވެހިކަލް ބުރާ ބެހޭ ގޮތުން ކައުންސިލްގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަލީ މުހައްމަދު ވިދާޅުވީ ވެހިކަލް ބުރު ބޭއްވުން ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުންނާއި އެހެނިހެން ބައެއް ސަބަބުތަކާ ހުރެގެން ކަމަށެވެ. އަދި ބޭނުންވީ ގިނަ ބަޔަކަށް ބައިވެރިވޭނެ ގޮތަށް މިވެހިކަލް ބުރު ބާއްވަން ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ މުހައްމަދު ވިދާޅުވީ ވެހިކަލް ބުރުގެ އިތުރަށް ވެސް ތަފާތު އެކި ހަރާކާތްތައް ޒުވާނުންނާއި، ކުދި ބޮޑު އެންމެން ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އިންތިޚާބީގެ އުފާފާޅު ކުރުން ކުރިއަށް އޮތީ ކަމަށެވެ.
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހޮވުމަށް ކުޅުދުއްފުށީގެ ރައްޔިތުން ބުރަ އެތައް މަސައްކަތެއް ކުރިކަން ފާހަގަކުރައްވައި އަލީ މުހައްމަދު ވިދާޅުވީ އިންސާފަށް މިކުރި މަސައްކަތުގެ ނާތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށާއި، ރައްޔިތުންވި ގުރުބާނީގެ އަގު ލިބޭނެ ކަމަށެވެ.
މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވައި، އިބްރާހީމް މުހައްމަދު ސޯލިހް ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުންނާއި ރަށްރަށުގައި އަންނަނީ އުފާފާޅުކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ. އެ ދެ ބޭފުޅުންނަށް އޮފީސްތަކުންނާއި ޖަމާއަތްތަކުން ގެންދަނީ މަރުޙަބާ ކިޔަމުންނެވެ. މި އިންތިޚާބުގައި އިބްރާހީމް މުހައްމަދު ސޯލިހް 134،705 ވޯޓު ހޯއްދެވި އިރު އެއީ ވޯޓުލީ މީހުންގެ 58.4 ޕަސެންޓް މީހުންނެވެ. އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ރައީސް ޔާމީނަށް ލިބިފައި ވަނީ 96052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.