އެޗްޑީސީން ޕީޕީއެމްގެ ކެމްޕެއިނަށް ކުރި ޚަރަދުތަކާ ގުޅޭ މައްސަލައިގެ ތަހުގީގު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފިއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މުހައްމަދު ވިދާޅުވީ، އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ބަލަން ފަށާފައިވާ އިރު ޕީޕީއެމްގެ ކެމްޕެއިންނަށް ކުރި ޚަރަދުތަކާ ގުޅޭ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
އޭސީސީން ބުނީ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކުގައި ކެމްޕެއިންގ ހަރަކާތްތަކެއްގައި ހޮޅިދަނޑިތަކެއް އެޗްޑީސީގެ ހަރަދުގައި ގަނެފައިވާ މައްސަލަ ވެސް ހިމެނެއެވެ.
އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކެއް ބަލަން ފަށާފައިވާއިރު ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެޗްޑީސީގެ އިސް ފަރާތަކުން ކިޔައިދިން ގޮތުގައި، އެކުންފުނީގެ މާލިއްޔަތުން ޕީޕީއެމްގެ ކެމްޕެއިންގ ހަރަކާތްތަކަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވެއެވެ. އެ ހަރަދުތައް 30 މިލިއަނަށް ވުރެ އިތުރުވެފައިވާކަން އެނގޭ ކަމަށް އޭނާ ބުންޏެވެ.
ކެމްޕެއިންގ ދުވަސްވަރު އެ ކުންފުންޏަށް 150 މުވައްޒަފުން ވައްދާފައިވާ އިރު އެ މުވައްޒަފުންނަށް އެވްރެޖުކޮށް 8،000ރ. މަހަކު ލިބެއެވެ. އެހެން ކަމުން އެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި މަހަކު ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ހޭދަ ކުރަންޖެހޭ ކަމަށާއި އެ މުވައްޒަފުން ނަގާފައި ވަނީ އިއުލާނު ކުރުމެއް ނެތި ކަމަށާއި މުވައްޒަފުން ކުރާނެ މަސައްކަތެއް ވެސް ނޯންނަ ކަމަށް އޭނާ ބުންޏެވެ.
ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގެ ކެޔުންވެސް ހަމަޖައްސާފައި ވަނީ އެޗްޑީސީގެ ޚަރަދުގައެވެ.އަދި އެކުންފުނީގެ ވެހިކަލްތަށް ޕީޕީއެމްގެ އެކި ހަރަކާތްތަކުގައި ބޭނުން ކުރިކަން ގިނަ ބަޔަކަށް ވަނީ ފެނިފައެވެ. އަދި އެފަދަ ހަރަކާތްތަކުގައި ގެންގުޅޭތީ ފޮޓޯ ނަގާ ސޯޝަލް މީޑިއާގައިވެސް އެމައުލޫމާތުތައް އާންމު ރައްޔިތުން ވެސް ދިޔައީ ހާމަކުރަމުންނެވެ.
އެޗްޑީސީގެ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާއިރު އެކުންފުންޏަށް ވަނީ މާލީ ގޮތުން ދަތިތަކާވެސް ކުރިމަތިވެފައެވެ. ކުންފުނީގެ ހިންގުމަށް ކުރިމަތިވެފައިވާ މާލީ ހާލަތު ހައްލު ކުރުމުގެ ނަމުގައި އެކުންފުނިންވަނީ އާންމުކޮށް މާކެޓްގައި ލިބެން ހުންނަ އަގަށްވުރެ ކުޑަކޮށް ގޯތި ދޫކުރުމަށްވެސް ނިންމާފައެވެ. އެހެން ނަމަވެސް ކުންފުނީގެ އިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާ އެކު އެކަން މި ވަގުތަށް ވަނީ ހުއްޓިފައެވެ.