އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އަތޮޅު ކަމަށްވާ ފާދިއްޕޮޅުގެ ރައްޔިތުންނާ ހުކުރު ދުވަހުގެ ރޭ ބައްދަލު ކުރައްވައިފިއެވެ.
އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން، މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ފާދިއްޕޮޅު ރައްޔިތުން އިސްނަގައިގެން ބޭއްވި ހަފުލާގައި އިބްރާހިމް މުހައްމަދު ސޯލިހްއާއެކު، އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހުޅުމާލޭގައި ބޭއްވި މި ހަފުލާގައި ބައިވެރިވި ފަރާތްތަކާއެކު އިންތިޚާބީ ރައީސް އަދި އިންތިޚާބީ ނައިބު ރައީސް ފޮޓޯ ނެންގެވި އެވެ.
ރިޔާސީ އިންތިޚާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރެއްވީ 58.4 އިންސައްތަ ވޯޓް ހޯއްދަވައިގެންނެވެ. މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގެންނެވީ 41.6 އިންސައްތަ ވޯޓެވެ.