ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފިއެވެ.
މި ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ އެދުވަހުގެ ހެނދުނު 10:30 އަށެވެ.
އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ހިމާޔަތް ދިނުމަށް ކަމަށް ބުނެ ސިފައިންގެ ބެލުމުގެ ދަށުން އާރަށުގައި ބެހެއްޓި މައްސަލައިގަ އެވެ. އެހެން ނަމަވެސް އެ ދައުވާ އަށް އަމީން ފައިސަލް އިންކާރު ކުރައްވާފައި ވެއެވެ.
އެ މައްސަލައިގެ އަޑުއެހުން އާދިއްތަ ދުވަހަށް ތާވަލްކޮށްފައިވާއިރު އެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ ކްރިމިނިލް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.
ރައީސް އަބްދުﷲ ޔާމީން މުލަކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނަވަނިކޮށް، އެމަނިކުފާނު ހައްޔަރުކޮށް ކ. އާރަށުގައި ބެހެއްޓާފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި 10 ވަނަ ދުވަހުގެ ރޭގައެވެ.