ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ޤަބޫލުނުކުރައްވާ ކަމަށް މިސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
ދުންޔާ ވިދާޅުވީ ރައީސް ނަޝީދު މައްޗަށް އުފުލުނު ޓެރަރިޒަމްގެ ދައުވާ ޤަބޫލު ނުކުރެވުނަސް އޭރު މަސައްކަތް ކުރެއްވީ ރާއްޖޭގެ ތަސައްވަރު ރަނގަޅު ކުރަން ކަމަށެވެ. އަދި މިނިސްޓަރުކަމުގައި ހުންނެވިއިރު ކަންތައްތަކެއް ގޯހުންގޯހަށް ދާތަން ފެނުނު ކަމަށް ދުންޔާ ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ރައީސް ނަޝީދުގެ މައްސަލަ ދިފާއުކޮށް ވާހަކަ ދައްކާ ކަމަށްބުނެ ވަރަށް ގިނަ ބަޔަކު ފާޑު ކިޔަމުންދިޔަ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ރައީސް ނަޝީދު މައްޗަށް އުފުލުނު ޓެރަރިޒަމްގެ ދައުވާއަކީ ޤަބޫލު ކުރައްވާ ކަމެއްނޫން ކަމަށާއި ހަމައެގޮތަށް އެމަނިކުފާނުގެ މައްޗަށް ކުރެވުނު ޝަރީއަށް އަވަސް އަރުވާލައިގެން ގެންދިޔަ ގޮތްވެސް ދެކެވަޑައިގެންނެވި ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.
"އަޅުގަނޑުވެސްގަބޫލެއް ނުކުރަން އިނގޭތޯ އެގެނައި ޗާޖެއް. ޓެރަރިޒަމްގެ ދައުވާ ދެއްތޯ؟ އަޅުގަނޑުމެންނަށް ފެނުނު ޝަރީއަތް އަވަސްއަރުވާލައިގެން ގެންދިޔަގޮތް. އެވެސް މުޅި ދުނިޔޭގެ ސަމާލުކަމަށް އައި. އެއާ އަޅުގަނޑު ޑީލް ކުރަން ޖެހުން" ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ކޮންމެ މީހަކަށްވެސް އޭރު އައީ ޓެރަރިޒަމްގެ ދައުވާ ކަމަށާއި އެކަމާ ގުޅިގެން ބައިނަލްއަގުވާމީ ދުނިޔޭގެ ސުވާލުތަކާ ކުރިމަތިލާން ޖެހިވަޑައިގަތްނަމަވެސް އެކަމަށް ޖަވާބުދާރީވާން އުނދަގޫވި ކަމަށެވެ.
ރައީސް ނަޝީދުގެ މައްސަލާގައި އދ. އަށްވެސް ޖަވާބުދާރީވާން ޖެހުނުކަން ފާހަގަކުރައްވާ ދުންޔާ ވިދާޅުވީ އދ. އިން ނިންމައިގެން ރައީސް ނަޝީދު މިނިވަންވާންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ދުންޔާ ވިދާޅުވީ ރާއްޖޭން ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ މުއާހަދާތަކާއި ބައިނަލް އަޤްވާމީ ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމް ކުރައްވާ ކަމަށެވެ.
ރާއްޖެއިން ބައިނަލްއަގުވާމީ ގިނަ މުވާހަދާތަކުގައި ބައިވެރިވެފައިވީނަމަވެސް، ގައުމުގެ ނިންމުންތައް ނިންމަންޖެހޭނީ ގައުމުގެ ގާނޫނުގެ ތެރެއިންކަމަށާއި އެހެންނޫންނަމަ ގައުމުގެ އަމިއްލަވަންތަކަމާއި އިސްތިގުލާލު ނޯންނާނެކަމަށް ދުންޔާ ވިދާޅުވިއެވެ.