ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް އަމަލުކުރާ އެންޓި ޑިފެކްޝަން ގާނޫނެއް އޮތުމަށް ތާޢީދުކުރާކަން ބައެއް މެންބަރުން ހާމަކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު، އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީ އަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާ ގޮތަށް ހެދި އެންޓި ޑިފެކްޝަން ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 13 މާރިޗު 2018 ގައެވެ. އަދި އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވަނީ 14 މާރިޗު 2018 ގައެވެ.

އެންޓި ޑިފެކްޝަން ގާނޫނާއި ގުޅޭގޮތުން އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ އެފަދަ ގާނޫނެއް އޮންނަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ސަލީމް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބަދަލުގައި އިސްލާހުތަކެއް ގެނެސްގެން އެ ގާނޫނު ވުޖޫދުގައި އޮންނަން ޖެހޭނެ ކަމަށެވެ.
ސަލީމް ވިދާޅުވީ ޕާޓީއެއްގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައިގެން، މަޖިލީހުގެ މެމްބަރަކު ފަސޭހަކަމާ އެކު ކަނޑާލެވޭ ނިޒާމެއް އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެންޓި ޑިފެކްޝަން ގާނޫނު އުވާލުމުގެ ބަދަލުގައި ހަރުދަނާ އިސްލާހުތަކެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ މާޗް މަހު އަމަލުކުރަން ފެށި އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި އެ މެމްބަރަކު ނިސްބަތްވާ ޕާޓީން ސުލޫކީ ފިޔަވަޅެއް އަޅައި ޕާޓީން ވަކިކުރުންވެސް ހިމެނެ އެވެ.

ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނެއް އޮތުން ރަނގަޅު ކަމަށެވެ. ނަމަވެސް އެންޓި ޑިފެކްޝަން ގާނޫނެއް ގެނެވޭނީ ގާނޫނު އަސާސީ ބަދަލުކޮށްގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ފައްޔާޒް ވިދާޅުވި ގޮތުގައި އަމިއްލައަށް ޕާޓީން ވާކިވާނަމަ އަލުން އިންޚާބަކަށް ދިޔުން ރަނގަޅު ކަމަށާއި ޕާޓީން ވަކި ކުރާނަމަ އިންތިޚާބުވި މުއްދަތު ހަމަވަންދެން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ހުރުންވެސް ރަނގަޅު ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނާއި މެދު ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރާޝީދުގެ ވިސްނުން ތަފާތެވެ. އޭނާ ވަނީ އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވާފައެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ރިޔާޒް ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ދަތިތަކެއް ހުރުމެވެ. އެ ގާނޫނުގެ ސަބަބުން ގާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް މެމްބަރުންނަށް ހުރަސްތަކެއް ހުރި ކަމަށްވެސް ރިޔާޒް ވިދާޅުވެއެވެ.
މީގެ އިތުރުން، އެންޓި ޑިފެކްޝަން ގާނޫނަކީ ބަރުލަމާނީ ސިފަތައް އެކުލެވިގެންވާ ގާނޫނަކަށް ވެފައި، އެ ގާނޫނުގެ ސަބަބުން ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށާއި ގާނޫނު އެކުލަވާލާފައި ވަނީ މާޒީއަށް އަމަލު ކުރެވޭ ގޮތަށް ކަމުގައިވާތީ ގާނޫނު އެކުލަވާލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.