ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ޚަބަރުތައް ގެނެސް ދޭ، ޗެނަލް 13 އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފިއެވެ.
ރާއްޖެއެމްވީއާ ވާހަކަ ދެއްކި ޗެނަލް 13ގެ މުވައްޒަފަކު ބުނީ އެ ސްޓޭޝަނުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައި ވަނީ ކުންފުނީގެ މާލީ ހާލަތު ދަށްވުމުން ކަމަށެވެ.
ސާޅީހަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ޗެނަލް 13 އިން ވަކިކުރި މުވައްޒަފުންގެ އަދަދު އަށަކަށް އަރާފައި ވާއިރު، އަދިވެސް އިތުރު މުވައްޒަފުން ވަކިކުރާނެ ކަމަށްވެއެވެ. އެތަނުން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ގިނަ އިން ހިމެނެނީ ނޫސްވެރިންނެވެ.
ޗެނަލް 13 އިން މުވައްޒަފުން ވަކިކުރަން ފަށާފައި ވަނީ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެ ވަޑައިގެންފައި ވަނިކޮށެވެ. ރައީސް ޔާމީން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާ ޗެނަލް 13 ހިންގަނީ ސަރުކާރުގެ ކުންފުނިތަކުގެ ސްޕޮންސާއާ އެކުގައެވެ.
ޗެނަލް 13 އިން މުވައްޒަފުން ވަކި ކުރަން ފަށާފައިރު، އެ ޗެނެލްގެ ސީއީއޯ ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އަމިއްލަ އަށް އިސްތިއުފާ ދެއްވާފައެވެ. އަދި މުވައްޒަފުން ވަކިކުރަމުން ދަނީ ބޯޑް މެންބަރުންގެ ލަފާގެ މަތިން ކަމަށް އެނގިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޗެނަލް 13 ހިންގުމަށް އެކުލަވާފައިވާ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ދައުލަތުގެ މީޑީއާ ޕީއެސްއެމްގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ޚަލީލާއި އިކްރާމް ހިމެނިވަޑައި ގަންނަވައެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރ ސައީދާއި، ރައީސް ޔާމީންގެ ކެމްޕޭން މެނޭޖަރު އަދްލީ ވެސް ހިމެނިވަޑައި ގަންނަވާ ކަމަށް އެނގިފައިވެއެވެ