އިންސާނާއަށް މާތްﷲ ދެއްވާފައިވާ އުމުރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
"ހަގީގީ ހަޔާތަކީ އުޚްރަވީ ހަޔާތް" މި މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ ދުނިޔޭގެ ހަގީގަތަކީ ވަރަށް ރީތި އެހެން ނަމަވެސް އެހާ އަވަހަށް ހަލާކުވެ ފަނާވެ ދަނިވި ވަގުތީ އުފަލެއް ކަމަށެވެ. ޚުތުބާ ގައި ބުނީ ދުނިޔެއަކީ ވާދަވެރިކަމުގެ ތަނެއް ކަމަށާއި، މުއުމިނުންނާއި ފާޖިރުން އިމްތިހާނު ކުރެއްވުމަށް ލައްވާފައިވާ ތަނެއް ކަމަށެވެ.
އޭގެ އިތުރުން ދުނިޔެއަކީ ހަލާކުވެ ނެތިވެ ފަނާވެ ދަނިވި ގޯއްޗެއް ކަމަށާއި، ދެމި އޮންނާނީ އާޚިރަތުގެ ގޯތި ކަމަށެވެ. އެހެންކަމުން ދުނިޔެ އަށް އިންސާނާ ފޮނުއްވީ ދުނިޔެ އިމާރާތްކޮށް އާރާސްތުކޮށް، ފުރިހަމަ ގޮތުގައި ﷲ އަށް އީމާންވެ ދުނިޔެ އިން ފައިދާ ލިބިގަތުމާ އެކު އުޚުރަވީ ހަޔާތަށް ތައްޔާރުވެ ކުރާނެ ހެޔޮ އަމަލުތައް ކޮށް އުޅުމަށެވެ.
"މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވަނީ ތިމަންރަސްކަލާނގެ އަށް އަޅުކަން ކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަމެވެ"
މި ބަސްފުޅަށް އިޝާރާތްކުރައްވައި ޚުތުބާގައި ބުނީ ދުނިޔެއަށް ވުރެ އާޚިރަތުގެ އަގު ބޮޑުކަން ކޮންމެ މުސްލިމަކު ދެނެގަނެ ތިމާގެ އުޚުރަވީ ހަޔާތް ކާމިޔާބު ކުރުމަށް ދުނިޔޭގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އިންސާނާ ކިތަންމެ މުދަލެއް ހޯދިކަމުގައި ވިނަމަވެސް އެމުދަލަކީ ވަގުތީ އެއްޗެއްކަން ފާހަގަ ކޮށް ޚުތުބާގައި ބުނީ އެއީ ދާދި އަވަހަށް ފަނާވެ ހިނގާދާނެ އެއްޗެހި ކަމަށާއި، ނުވަތަ އެތަކެތި ދޫކޮށް ދާން ޖެހިދާނެ ކަމަށެވެ. އަދި އެދުވަހަކުން ތިމާގެ އެ މުދަލަކީ ﷲ އެންގެވި ގޮތަށް އެމުދާ ހޯދައި އެކަލާނގެ މަގުގައި އެމުދާ ހޭދަކޮށްފައިވާ މީހެއްކަމުގައި ވާނަމަ އެމީހަކީ ކާމިޔާބު ވެއްޖެ މީހެކެވެ. އަދި އެއާ ހިލާފަށް އަމަލުކޮށްފައި ވާނަމަ އެ މީހަކީ އަބާއްޖަވެރި އެއް ކަމުގައެވެ.
"ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގައި މާނަގައި ވަނީ ތިމަން ކަލޭގެފާނާއި ދުނިޔެ އާއި ހުރީ ކޮން ގުޅުމެއް ހެއްޔެވެ. ދުނިޔޭގައި ތިމަންކަލޭގެފާނުގެ މިސާލަކީ (ހޫނުގަދަ ދުވަހެއްގައި) ދަތުރުކޮށްފައި ދިޔަ މީހަކު ގަހެއްގެ ހިޔަލުގައި މަޑުކޮށްލައި، (ދެން އިރުކޮޅަކުން) އެތަން ދޫކޮށްލައި ދިޔަފަދަ މީހެއްގެ މީސަލެވެ."
ޚުތުބާގައި ބުނީ ތިމާއަކީ ދާދިއަވަހަށް ﷲގެ ހަސްރަތަށް ގެންދަވާފާނެ މީހެއް ކަމަށާއި، ﷲ ދެއްވާފައިވާ އުމުރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްވަނީ ގޮވާލައްވާފައެވެ.