ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވާތީ، އެންމެ ރަނގަޅު ގޮތަކީ އެ ވޯޓުގެ ކުރިން އެމަނިކުފާނު އެ މަގާމުން ދުރަށް ވަޑައިގަތުން ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުނޫޒުގައި ބޭއްވި ޖޮއިންޓް ޕާޓީ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމަށްފަހު ސޯލިހު ވިދާޅުވީ މަސީހު މަގާމުން އިސްތިއުފާ ނު ދެއްވައިފި ނަމަ، އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހުގައި ނަގައި، އެ މަގާމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އައްޔަން ކުރައްވާނެ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ މިހާރު އެ އޮތީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފަ. މީގަ އެންމެ ރަނގަޅު ގޮތަކަށް ވާނީ މަސީހު ދުރަށް ވަޑައިގަތުން. އެހެން ނޫނިއްޔާ އިތުބާރު ނެތް ކަމުގެ ވޯޓަކަށް ދާނީ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ހޮވަން އެބަޖެހޭ. އެގޮތުން އަޅުގަނޑުމެން މި ނިންމީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމަށް ތާއިދު ކުރުމަށް،" އިންތިހާބީ ރައީސް ވިދާޅުވިއެވެ.
ދެ ހާސް ވަނަ އަހަރުން ފެށިގެން މަޖިލީހުގެ މެމްބަރުކަން ކުރައްވާ މަސީހު މަޖިލީހުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ގުޅިފައިވާ ޕާޓީތަކުން ވެސް ވަނީ ގޮވާލައްވައިފަ އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހަތަރު ވަނަ ފަހަރަށް ބުދަ ދުވަހު ހުށަހަޅާފައި ވަނީ 51 މެމްބަރުންގެ ސޮޔާއެކު އެވެ. އޭގެ ތެރޭގައި ރައީސް ޔާމީންގެ ފެކްޝަންގެ މެމްބަރުން ވެސް ހިމެނެ އެވެ.