ކ. މާލެ
|
19 އޮކްޓޯބަރ 2018 | ހުކުރު 14:40
ޓީސީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ޓީސީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ފޭސްބުކް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ބޮޑު ތަފާތަކުން ފޯކައިދޫގެ މައްޗަށް ޓީސީ ކުރިހޯދައިފި
ފޯކައިދޫގެ މައްޗަށް ޓީސީ ކުރި ހޯދީ 0-4 ގެ ނަތީޖާއަކުން

ދިރާގު ދިވެހި ލީގުގައި ބޮޑު ތަފާތަކުން ށ. ފޯކައިދޫގެ މައްޗަށް ޓީސީ ސްޕޯޓްސް ކްލަބް ކުރި ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗު ފޯކައިދޫއާ ވާދަކޮށް ޓީސީން މެޗު ކާމިޔާބުކުރީ 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، 17 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އަރިމަތިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް އޭރިއާ ކައިރިން ހަނި އޭންގަލަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފްގައި ވެސް ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، 71 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ފޯކައިދޫގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައިގެން ކާމިޔާބުކުރީ އިޝާން އިބްރާހިމް (ސައްޓު) އެވެ. އޭގެ މިނެޓެއް ފަހުން އަލީ އަޝްފާގު (ދަގަނޑޭ) ގެ އެހީތެރިކަމާއެކު ސައްޓު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.

ޓީސީން ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ މެޗު ނިމެން ދެ މިނެޓަށްވެފައި ހުއްޓާ ދަގަނޑޭއެވެ. ދަގަނޑޭ މި ލަނޑު ކާމިޔާބުކުރީ އައްޒާމްގެ އެހީތެރިކަމާ އެކުގައެވެ.

ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު ޓީސީ އެއް ވަނައިގައި އޮތީ 24 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 20 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މާޒިޔާގެ އޮތީ 19 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް 18 ޕޮއިންޓް ލިބުނުއިރު ފަސް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވަނީ 17 ޕޮއިންޓް ލިބިފައެވެ.

ހަ ވަނައިގައި އޮތް ވިކްޓަރީ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި ފޯކައިދޫ އަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. އަށް ވަނައިގައި އޮތް ނިލަންދޫ އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ބ. ފެހެންދޫ ނުވަ ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ތ. ތިމަރަފުއްޓަށް ލިބުނީ އެންމެ ޕޮއިންޓެެކެވެ. ލީގުގެ ދެ ވަނަ ބުރުގައި ކުޅޭނީ ގަދަ އަށް ޓީމެވެ. އެގޮތުން ފެހެންދޫ އާއި ތިމަރަފުށި ވަނީ ރެލިގޭޓްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް