ކ. މާލެ
|
18 އޮކްޓޯބަރ 2018 | ބުރާސްފަތި 19:17
ސިޓީ އަށް ކުޅެމުން އަންނަ ރަހީމް ސްޓާލިން
ސިޓީ އަށް ކުޅެމުން އަންނަ ރަހީމް ސްޓާލިން
ގެޓީ އިމޭޖަސް
ރަހީމް ސްޓާލިން
ސްޓާލިން ހޯދުމަށް ރެއާލުން މަސައްކަތް ފަށައިފި
ސްޓާލިންގެ އެއްބަސްވުން ހަމަވަނީ 2020 ވަނަ އަހަރު

މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ވިންގާ ރަހީމް ސްޓާލިން ހޯދުމަށް ރެއާލް މެޑްރިޑުން މަސައްކަތް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ސްޓާލިން ސިޓީ އާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި، ރިޕޯޓްތައް ބުނާގޮތުގައި ރެއާލުން އަންނަނީ ޖެނުއަރީ ޓްރާންސްފާ އަށް އަމާޒުކޮށް އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ސިޓީއާއެކު ސްޓާލިން ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާ އިރު، އޭނާ ހޯދުމަށް ރެއާލްގެ އިތުރުން ގިނަ ކްލަބްތަކަކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ރިޕޯޓްތައް ބުނާގޮތުން ސްޓާލިން ސިޓީ އާ އެކު ހަދާފައިވާ އެއްބަސްވުން އާނުކޮށް ޖެނުއަރީ ޓްރާންސްފާ ގައި ނުވަތަ ކުރިޔަށް އޮތް ސީޒަނުގައި އެހެން ކްލަބަކަށް ބަދަލުވުން ވަރަށް ކައިރިއެވެ.

ލިވަޕޫލުން 2011 ވަނަ އަހަރު ކެރިޔަރު ފެށި ސްޓާލިން ވަނީ އެޓީމަށް ހަތަރު ސީޒަން ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 129 މެޗުގައި 23 ލަނޑު ކާމިޔާބުކޮށްފައެވެ.

ލިވަޕޫލް ދޫކޮށްލުމަށް ފަހު ސްޓާލިން ސިޓީ އަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 150 މެޗުގައި 48 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެޓީމާ އެކު ޕްރިމިއާ ލީގު އަދި ފުޓުބޯލް ލީގް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި އިންގްލޭންޑު ޓީމުގައި ހސްޓާލިން ހިމެނުނެވެ. އަދި އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 46 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް