ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ފޯޓްތަކަށް ފޯމް ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވާތީ، ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި ޖެހިއްޖެ އެވެ.
މި މަޝްރޫއުގެ ދަށުން 7000 ފްލެޓް ހުޅުމާލޭގައި ދަނީ އިމާރާތްކުރަމުންނެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ކައިރި ވެފައި ވަނިކޮށް މި މަހުގެ 20 ވަނަ ދުވަހު ވިލިމާލެ ދެ ވަނަ ފިޔަވަހީގެ ޕްލޭން ލޯންޗު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ފޯމު ހުށަހަޅާ އެންމެންނަށް ފްލެޓް ލިބޭނެ ކަން ހާމަކުރައްވާފައެވެ.
ހިޔާ މަޝްރޫއުގެ ފޯމް ހުށަހެޅުމަށް ރޭ ފަތިހުން ފެށިގެން ވަނީ ކިޔޫ ހަދައިފަ އެވެ.

މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއަށް މިހާތަނަށް ފޯމު ހުށަހެޅި މީހުންނާއި މި މަހުގެ 30 ގެ ނިޔަލަށް ފޯމު ހުށަހަޅާ އެންމެންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާ ކަމަށެވެ. ގުޅީފަޅުން ފެށިގެން ވިލިމާލެ އާއި މާލެ ގުޅުވާލައި ހިންގުމަށް މި ސަރުކާރުން އިއުލާނުކުރި "ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫއުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދޭ ކޮންމެ ފަރާތަކަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.
ފްލެޓަށް އެދޭ ފޯމް ބަލައިގަތުމަށް ނަމްބަރު ދޫކުރުން ކޮންމެ ދުވަހެއްގެ ހެދުނު 9:00 އިން ހަވީރު 6:00 އަށް ކުރިއަށް ގެންދާ އިރު މިއަދު މުއްދަތު ހަމަވާތީ ގިނަ ބަޔަކު ވަނީ ކިޔުގައި ޖެހިފައެވެ.

މިނިސްޓަރު މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ފްލެޓްތަކަށް އެދި 18،000 މީހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. މިހާރު މަސައްކަތްކުރިއަށް ދަނީ އަދި އިއުލާނު ކޮށްފައި ވަނީ 7000 ފްލެޓް ކަމަށްވާ އިރު ބަކީ 11،000 މީހުންނާއި އަދި މި މަހުގެ ނިޔަލަށް ފޯމް ހުށަހަޅާ އިތުރު އެތައް ހާސް ބަޔަކަށް ފްލެޓް ދޭނީ ކިހިނެއް ކޮންތާކުން ކޮން ގޮތަކަށް ކަމެއް މުއިއްޒު ވިދާޅުވެފައެއް ނުވެއެވެ.