އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމާއެކު، ސަރުކާރު ބަދަލު ކުރުމުގެ ކަންކަން ކުރުމަށް އައްޔަނުކުރަންޖެހޭ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އާއި އޭނާގެ ދަށުން މަސައްކަތް ކުރާނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރުމަށާއި ސަރުކާރު ބަދަލު ކުރުމުގެ ކަންކަން ކުރުމުގެ މަަސައްކަތް ހަވާލު ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ކަމަށެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައި ވާގޮތުން ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވާ ފަރާތުން އެދޭގޮތަށް ސިވިލް ސާރވިސް ކޮމިޝަނުން ނެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމާއެކު ބޮޑު ތަފާތަކުން އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާފައި ވާތީ، ދައުލަތުގެ ބައެއް އިދާރާތަކުގެ ލިޔެކިޔުންތައް ނައްތާލާކަމުގެ މައުލޫމާތު ވަރަށް ގިނައިން ލިބެމުން ދާކަމަށާއި އަދި އެފަދަ އަޑުތައް ވެސް ވަރަށް ގިނައިން އިވެމުންދާތީ މާރިޔާ ވަނީ ދައުލަތުގެ ލިޔެކިޔުންތައް ނައްތާ ނުލުމަށާއި އެފަދަ ކަންކަމަކީ ޖިނާއި ބޮޑެތި ކުށްތައް ކަމަށްވާތީ އެކަންކަމުން ދުރުވެ ތިއްބެވުމަށް އެފަދަ ކަންކަން ކުރައްވާ ފަރާތްތަތަކަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.
މީގެއިތުރުން މާރިޔާ ވަނީ އެކެއް ފެބްރިއަރީ ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ގާނޫނީ އިމުގެ ތެރެއިން ފަނޑިޔާރުން ހައްޔަރު ކުރެވޭނެ ގޮތެއް ނެތިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ފަނޑިޔާރުން ހައްޔަރުކޮށްފައިވާ ކަން ރައީސް ޔާމީން އަބްދުލްގައްޔޫމް އަމިއްލަފުޅަށް އިއުތިރާފުވެ ވަޑައިގަންނަވާފައި ވާތީ ތަހުގީގީ އިދާރާތަކުން އެ މައްސަލަ ތަހުގީގު ކުރުމަށް މަރިޔާ ވަނީ ގޮވާލައްވާފަ އެވެ.