ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ފޯމް ބަލައިގަތުން މާދަމާގެ ނިޔަލަށް ހަމަވާތީ ގިނަ ބަޔަކު ކިޔުގައި ޖެހިއްޖެއެވެ.
ހިޔާ މަޝްރޫއުގެ ދަށުން ދޫކުރަން ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ 7000 ފްލެޓެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ކައިރި ވެފައި ވަނިކޮށް މި މަހުގެ 20 ވަނަ ދުވަހު ވިލިމާލެ ދެ ވަނަ ފިޔަވަހީގެ ޕްލޭން ލޯންޗު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ފޯމު ހުށަހަޅާ އެންމެންނަށް ފްލެޓް ލިބޭނެ ކަން ހާމަކުރައްވާފައެވެ.
މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއަށް މިހާތަނަށް ފޯމު ހުށަހެޅި މީހުންނާއި މި މަހުގެ 30 ގެ ނިޔަލަށް ފޯމު ހުށަހަޅާ އެންމެންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާ ކަމަށެވެ. ގުޅީފަޅުން ފެށިގެން ވިލިމާލެ އާއި މާލެ ގުޅުވާލައި ހިންގުމަށް މި ސަރުކާރުން އިއުލާނުކުރި "ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫއުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދޭ ކޮންމެ ފަރާތަކަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.
ފްލެޓަށް އެދޭ ފޯމް ބަލައިގަތުމަށް ނަމްބަރު ދޫކުރުން ކޮންމެ ދުވަހެއްގެ ހެދުނު 9:00 އިން ހަވީރު 6:00 އަށް ކުރިއަށް ގެންދާ އިރު މާދަމާ މުއްދަތު ހަމަވާތީ ގިނަ ބަޔަކު ވަނީ ކިިޔުގައި ޖެހިފައެވެ.
މިނިސްޓަރު މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ފްލެޓްތަކަށް އެދި 18،000 މީހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. މިހާރު މަސައްކަތްކުރިއަށް ދަނީ އަދި އިއުލާނު ކޮށްފައި ވަނީ 7000 ފްލެޓް ކަމަށްވާ އިރު ބަކީ 11،000 މީހުންނާއި އަދި 30 ގެ ކުރިން ފޯމް ހުށަހަޅާ އިތުރު އެތައް ހާސް ބަޔަކަށް ފްލެޓް ދޭނީ ކިހިނެއް ކޮންތާކުން ކޮން ގޮތަކަށް ކަމެއް މުއިއްޒު ވިދާޅުވެފައެއް ނުވެއެވެ.
މި މަޝްރޫއުގެ ތެރެއިން ޖުލައި 31 ގެ ނިޔަލަށް ފޯމު ދޫކުރުމަށް ހަމަޖެއްސުމަށް ފަހު، ފަހުން ވަނީ އޮގަސްޓް 31 އަށް ބަދަލުކޮށްފައެވެ. އަދި އޭގެ ފަހުން ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ވަނީ މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.