ޕީޕީއެމުން ހުކުރު ދުވަހު ބޭއްވި ކޮންގްރެސްގައި، ނިންމާފައިވާ ނިންމުންތައް ބާތިލު ކުރުމަށް މިހާރު ކޯޓަށް ހުށަހަޅާފައިވާ މައްސަަލައިގެ ތެރެއިން ހުށަހަޅާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމްގެ "މައުމޫން ރިފޯމް މޫވްމަންޓް" (އެމްއާރުއެމް) އިން ބުނެފިއެވެ.
އެމްއާރުއެމްގައި މަސައްކަތް ކުރައްވާ ކުރިން ޕީޕީއެމްގެ އިންތިހާބީ ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ތިން މެމްބަރުން ސޮއި ކުރައްވައި ނެރެފައިވާ ބަޔާނެއްގައި ވަނީ ޕާޓީގެ މުހިއްމު މަގާމްތަކަށް މީހުން ހޮވާފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި ކޮންގްރެސްގެ ނިންމުންތައް ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އެމްއާރުއެމްގައި އުޅުއްވާ ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް "ރާއްޖެއެމްވީ" އަށް ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސްގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ޕީޕީއެމުން ހުކުރު ދުވަހުގެ ރޭ ބޭއްވި ކޮންގްރެސްގައި ނިންމާފައިވާ ނިންމުންތައް އެ މައްސަލައިގެ ތެރެއިން ބާތިލު ކުރުމަށް ހުށަހަޅާނެ ކަމަށެވެ.
ޕީޕީއެމުން ހުކުރު ދުވަހު ބޭއްވި ކޮންގްރެސް ހުއްޓުވުމުގެ ކޯޓު އަމުރަކަށް އެމްއާރުއެމުން އެދުނު ނަމަވެސް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެއެވެ.
އެމްއާރުއެމްއިން ނެރެފައިވާ އެބަޔާނުގައި ބުނެފައިވާ ގޮތުގައި ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 72 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ޕާޓީގެ އެތެރޭގައި ބާއްވާ ހުރިހާ އިންތިހާބުތަކެއް ހިންގައި ބަލަހައްޓާނީ ޕާޓީގެ އިންތިހާބީ ކޮމިޓީން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ހުކުރު ދުވަހު ބޭއްވި ކޮންގްރެސްގައި މަގާމްތަކަށް ބޭފުޅުން ހޮވާފައި ވަނީ އިންތިހާބީ ކޮމިޓީގެ ޣައިރު ހާޒިރުގައި ކަމަށް އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން ކޮންގްރެސްގައި ޕާޓީގެ މަގާމްތަކަށް އިންތިހާބުކޮށްފައިވާ މީހުންގެ ސައްހަ ކަމެއް ނޯންނާނެ ކަމަށް ވެސް އިންތިހާބީ ކޮމިޓީގެ އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއާރުއެމުން ބުނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކޮންގްރެސް ކުރިއަށް ގެންދާތީ ޕާޓީގެ ގިނަ ގޮފިތަކަކުން ޝަކުވާ ވެސް ހުށަހަޅަމުންދާ ކަމަަށެވެ.
ހުކުރު ދުވަހު ޕީޕީއެމުން ބޭއްވި ހާއްސަ ގައުމީ ޖަލްސާގައި އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އަދި ނާއިބު ރައީސް ކަމުގެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ އައިޝަތު އާޒިމާ ޝަކޫރާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
އަބްދުއްރަހީމާއި މޫސާ ޒަމީރަކީ މިހާރު ވެސް ޕީޕީއެމްގެ ނާއިބު ލީޑަރުންނެވެ. ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ވެސް ނާއިބު ރައީސް ކަމުގެ މަގާމަށް ކުރިމަތި ލެއްވިއެވެ. ނަމަވެސް އިންތިހާބެއް ނުވިއެވެ. ޕީޕީއެމްގައި ރައީސެއްގެ އިތުރުން ހަތަރު ނާއިބު ރައީސުން ތިއްބަވައެވެ.