ނޮވެންބަރު 17 އިން ފެށިގެން ޕީޕީއެމުން މަސައްކަތް ކުރަނީ އިދިކޮޅު ސިޔާސީ ޕާޓީއެއް ގޮތަށް ކަމަށް އެޕާޓީގެ ކޮންގްރެސްއިން ފާސްކޮށްފިއެވެ.
ޕީޕީއެމްގެ ގައުމީ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި އެޕާޓީގެ ނައިބް ރައީސް އާޒިމާ ޝަކޫރު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ގާނޫނު އަސާސީގެ 107 ވަނަ މާއްދާ ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތަށް، 17 ނޮވެންބަރު 2013 ވަނަ ދުވަހު ފެށުނު ރިޔާސީ ދައުރު ހަމަވެ, 17 ނޮވެންބަރު 2018ގައި އާ ރިޔާސީ ދައުރެއް ފެށޭނެ ކަމަށާއި އެ ދުވަހުން ފެށިގެން ޕީޕީއެމް ރަސްމީ އިދިކޮޅު ޕާޓީއެއް ގޮތުގައި ހަމަޖެހި، މިޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިވެހި ގައުމާއި، ރައްޔިތުންގެ ހައްގުގައި އެންމެ ފުރިހަމައަށް ވަކާލާތު ކުރައްވާނެ އިދިކޮޅު ލީޑަރު ކަމަށް ހަމަޖެހިގެން ދާނެ ކަމަށެވެ.
މި ގަރާރު ފާސްކުރުމަށް އިއުތިރާޒުކުރި އެއްވެސް މެމްބަރަކު ކޮންގްރެސްގައި ނެތެވެ.
އާޒިމާ ވިދާޅުވީ ރައްޔިތުންނާއި ގައުމަށް ކުޑަ ވެސް ގެއްލުމެއް ދިނުމަށް ފުރުސަތު ނުދޭނެ ކަމަށާއި، ޕީޕީއެމުން މަސައްކަތް ކުރާނީ އަމާންކަމާއި، ސުލްހަމަސަލަސްކަމާއެކު ކަމަށެވެ. އަދި ސަރުކާރުން ކުރާ ކަންކަމަށް ފާރަވެރިވެ ސަރުކާރު ޖަވާބުދާރީކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރަނިންމޭޓް ފައިސަލް ނަސީމު ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތްކޮށްދެއްވުމަށް އާޒިމާ އިލްތިމާސްކުރެއްވެވި އެވެ.
ޕީޕީއެމުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައިކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ ޕާޓީ މިއަދު މިދެކޭ ކާމިޔާބީ އަކީ ޕީޕީއެމްގެ ނުގުޑާ ފަދަ އަޒުމުގައި ތިބެ މެންބަރުން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"ޕާޓީ އުފެދިގެން އައިސް މިއަދާ ހަމައަށް އައިރު ހޯދާފައިވާ ކާމިޔާބީތަކަކީ މިޕާޓީގެ މެންބަރުން ނުގުޑާ ފަދަ އަޒުމާގައި ތިބެ، ހިތްވަރުން ހޯދުނު ކާމިޔާބީތަކެއް" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި ރާއްޖޭގެ މަގުތައް އަމާންވެ، ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ހިމެނޭ ގޮތަށް ދިވެހި ރައްޔިތުންގެ ކަންކަން ފަސޭހަވެފައިވާ ކަމަށެވެ. އަދި ޒުވާނުންނާއި އަންހެނުން ބާރުވެ، އިގްތިސާދީ ދުވެލި ހަލުހިވެ އިޖްތިމާއި ހަމަޖެހުން ގާއިމް ކުރެވި ތަރައްގީ ކުރެވިފައިވާ ކަމަށެވެ.
އާޒިމާ ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން ކޮށްދެއްވި މަސައްކަތް 960000 އަށްވުރެ ގިނަ ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށާއި، ރިޔާސީ އިންތިޚާބުގައި މިލިބުނު ނަތީޖާއަކީ ވެސް ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ޕާޓީއަށް މެންބަރުން ގިނަ ވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.