ޕީޕީއެމްގެ ކޮންގްރެސްގައި އެޕާޓީގެ ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިޚާބު ކޮށްފިއެވެ.
މީޑިއާތަކަށް ބަންދުކޮށްގެން ކުރިއަށް ގެންދިޔަ މިކޮންގްރެސްގައި ރައީސް ޔާމީން އެމަގާމަށް އިންތިޚާބު ކޮށްފައިވަނީ، ޕީޕީއެމްގެ ކޮންގްރެސްއަށް ވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށް އެޕާޓީން ބުނެއެވެ.
ޕީޕީއެމްގެ ރައީސްގެ މަގާމަށް ރައީސް ޔާމީން އިންތިޚާބު ކުރިއިރު، އެމަނިކުފާނު ހުންނެވީ އެޕާޓީގެ މުސްތަޝާރުގެ މަގާމުގައެވެ.
މީގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއާއި، އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ރައީސް އޮފީހުގެ ލީގަލް އެފާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވަނީ އިންތިޚާބުކޮށްފައެވެ.
ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ، އެމަނިކުފާނުގެ ނަން އަނބުރާ ގެންދަވާފައެވެ. އަދި ނައިބު ރައީސް ކަމަށް ވާދަކުރެއްވި ފިޝަރީޒް މިނިސްޓަރު މުޙައްމަދު ޝައިނީއަށް ވަނީ ނާކާމިޔާބީ ކުރިމަތިވެފައެވެ.
ޕީޕީއެމް އިން ބުނީ، އެޕާޓީގެ ކޮންގްރެސްގައި، 442 މަންދޫބުން ބައިވެރިވަމުންދާ ކަމަށެވެ. ޕީޕީއެމްގެ ކޮންގްރެސްގެ ރިޔާސަތުގައި ތިއްބަވަނީ، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް އާއި ސްރީލަންކާގެ ކޮޅުބުގައި ހުންނަ ދިވެހި ސަފީރު މުހައްމަދު ޝަރީފް، މުންދު އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޮލާލް އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ.
ޕީޕީއެމްގެ ކޮންގްރެސްގައި ރައީސް ޔާމީން އާއި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާއެކު ރަނިންމޭޓްގެ ގޮތުގައި ވާދަކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ޕީޕީއެމުން ގައުމީ ޖަލްސާއެއް ބާއްވާފައިމިވަނީ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެ އެ ޕާޓީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ޕީޕީއެމްގެ ގައުމީ ޖަލްސާ ފަށާފައި މި ވަނީ އެ ޖަލްސާ ހުއްޓުވައިދިނުމަށް ވަގުތީ އަމުރެއް ނެރެދިނުން އެދި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ. މީގެ އިތުރުން މިޖަލްސާތައް ހުއްޓުވައިދިނުމަށް ޕީޕީއެމް ކައުންސިލުގެ ކުރީގެ މެންބަރު އަދި ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ އިލެކްޝަންސް ކޮމިޝަނުގައި ވެސް އެދިވަޑައިގެންފައެވެ.