ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކަނޑައަޅާފައިވާ ހަތަރު މެމްބަރެއްގެ މައްސަލަ އަންނަ ހަފްތާގައި ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ.
އަންނަ ހަފްތާގައި ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފައި ވަނީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑީގެ މައްސަލައެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އަންނަ ހޯމަ ދުވަހު މެމްބަރު ސައުދާއި ވައްޑެގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ވަނީ ތާވަލުކޮށްފައެވެ. އަދި މެމްބަރު އަމީތާއި މެމްބަރު ލަތީފުގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފައި ވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުއެވެ.
ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފައި ވަނީ ޕީޕީއެމުން ވަކިވި 12 މެމްބަރަކު ގޮނޑި ގެއްލިފައިވާ ކަމަށް އެ ޕާޓީ އާއި އީސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ބުނަމުންދަނިކޮށެވެ. އެ 12 މެމްބަރުންނާ ނުލައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާތާ، ދޮޅު އަހަރު ދުވަސް ވަނީ ވެފައެވެ.
މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ދެ ހުކުމެއް ސުޕްރީމް ކޯޓުންކޮށްފައިވާއިރު، އެއިން އެއްވެސް ހުކުމެއްގައި ގޮނޑި ގެއްލުނުކަން ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.