އޮފީސްތައް އޮޑިޓްކުރާއިރު ބަލަން ޖެހިދާނެތީ ރައްކާތެރިކަމާއެކު ބަލަހައްޓައި ދެމެހެއްޓުމަށް އޮޑިޓަރޖެނަރަލް އޮފީހުން ދައުލަތުގެ މުވައްސަސާތަކަށް އަންގައިފި އެވެ.
އޮޑިޓަރޖެނަރަލް އޮފީހުން ނެރުނު ސާކިއުލާގައި ވަނީ ދައުލަތުގެ މުވައްސަސާތަކުން ހިންގާފައިވާ އަދި ހިންގަވަމުންގެންދާ މަސައްކަތްތަކާ ގުޅިގެން ތައްޔާރުކުރާ ލިޔެކިއުންތަކާއި ހިސާބުތަކާއި ލިބޭ ލިޔުންތަކުގެ އިތުރުން ކުރާ މުއާމަލާތްތަކާ ގުޅޭ މެއިލް އާއި މެމޯ އާއި ޔައުމިއްޔާ ފަދަ ލިޔުންތައް އޮޑިޓް އޮފީހުން ބަލަން ޖެހިދާނެތީ އެފަދަ ތަކެތި ރައްކާތެރިކުރުމަށް އަންގާ ކަމަށެވެ.
ލިޔުމެއް ނުވަތަ ހިސާބެއް ނައްތާލަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެ ނަމަ އެކަމުގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖްރާއަތްތައް ފުރިހަމަ ކުރުމަށް ފަހު ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިޔުމުން ލިބިގެން ނޫނީ އެފަދަ އެއްޗެއް ނައްތާނުލުމަށް ވެސް ހަނދާން ކޮށްދީފައިވެ އެވެ.
ލިޔުންތަކާއި ހިސާބުތައް ބެލެހެއްޓުމާއި ނައްތާލުމުގެ ޒިންމާ އަދާކުރަން ޖެހޭ ފަރާތްތަކުން އަމަލު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެ ނަމަ އެކަމަށް އެފަރާތުން ޖަވާބުދާރީވާން ޖެހޭނެކަން ވެސް މި ސާކިއުލާގައި ފާހަގަކޮށްފައިވެ އެވެ.
"އެކަމުގެ ސަބަބުން މި އޮފީހުގެ މަސައްކަތަށް ދަތިތަކާއި ކުރިމަތިލާން ޖެހިދާނެތީ އެއްވެސް ފަރާތަކުން އެފަދަ ކަމެއް ނުކުރުމަށް މި އޮފީހުން އިލްތިމާސްކުރަމެވެ." މި ސާކިއުލާގައި ބުނެފައިވެ އެވެ.