ތުރާފިލުވުމުގެ މައްސަލަތައް އަމިއްލަ ފަރާތްތަކަށް ކޯޓަށް ހުށައެޅޭގޮތަށް ސުޕްރީމް ކޯޓުން ބަދަލުގެނެސްފި އެވެ.
ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު ނެރުނު ސާކިއުލާއެއްގައިވާގޮތުން ތުރާފިލުވުމުގެ މައްސަލަތައް ހުށައެޅޭނީ ދައުލަތުގެ ބަންޑާރަ ނައިބަށް އެކަނި ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބަންޑާރަނައިބް ހުށަނާޅުއްވާނަމަ މައްސަލަތައް ކޯޓުތަކުން ކުރިއަށް ނުގެންދެވެގޮތަށް އޭރުގައި ސުޕްރީމް ކޯޓުން ބަދަލު ގެނެސްފައިވެއެވެ.
ސުޕްރީމް ކޯޓުގެ އެ ސާކިއުލާ ބާތިލްކޮށް، ބުރާސްފަތި ދުވަހު އާންމުކުރި ސާކިއުލާއެއްގައި ބުނެފައިވާގޮތުގައި ތުރާފިލުވުމުގެ މައްސަލަތަކަކީ އާންމު ރައްޔިތުންގެ މަސްލަހަތު އޮންނަ މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ތުރާފިލުވުމުގެ މައްސަލަތައް ހަމައެކަނި ބަންޑާރަނައިބަށް ހުށައެޅޭގޮތަށް އޮތްއޮތުން ބަދަލުކޮށް، އަމިއްލަ ފަރާތްތަކަށް ވެސް ހުށައެޅޭގޮތަށް ބަދަލުކޮށްފައިވާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.
އޭގެއިތުރުން ހުށައެޅޭ މައްސަލަތަތަކީ ދައުލަތުގެ މަސްލަހަތު އޮތް މައްސަލަތަކެއް ކަމުގައިވާނަމަ އަދި ދައުލަތުގެ މަސްލަހަތު އޮތް މައްސަލަތަކެއް ކަމަށް ފެނިއްޖެހިދެއްގައި އެފަދަ މައްސަލަތަކަށް ކޯޓުގެ ހުއްދައާއެކު ބަންޑާރަނައިބަށް ތަމްސީލްވެވިދާނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ. އަދި އެފަދަ މައްސަލަތަކުގައި ދައުލަތުގެ މަސްލަހަތު އޮތް ކަމަށް ކޯޓަށް ފެނިއްޖެހިނދެއްގައި ވެސް ބަންޑާރަނައިބަށް އެ މައްސަލަތަކުގައި ތަމްސީލްވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން މި ގެނައި ބަދަލާއެކު ތުރާފިލުވުމުގެ މައްސަލަތައް އަމިއްލަ ފަރާތްތަކަށް ކޯޓަށް ހުށައެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.