ކޯޓުގެ އިސް ނެގުމަށް ބަލަން ފެށި މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި ގއ. ވިލިނގިލީ ދާއިރާގެ އެމްޑީޕީ ނާއިބު ރައީސް އަމީޒު ހަސަން މިނިވަންކޮށް، އޭނާއާ ގުޅޭ މައްސަލަ ކޯޓުން ބާތިލުކޮށްފިއެވެ.
ގދ. ތިނަދޫ އިން އާދީއްތަ ދުވަހު ވޯޓުލާން ވިލިނގިއްޔަށް ގޮސް ހުއްޓާ ހައްޔަރު ކުރި އަމީޒު މިނިވަންކޮށްފައި ވަނީ ބުދަ ދުވަހުއެވެ. އޭނާ މިނިވަން ކުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސް ނެގުމަށް ބަލަން ފެށި މައްސަލަ، ރިވިއުކޮށް ދިނުމަށް އެދި އެ ކޯޓަށް ހުށަހެޅުމުންނެވެ.
އަމީޒު ހައްޔަރުކުރީ ވޯޓުލާ މަރުކަޒަށް ހާޒިރުވެ، ވޯޓު ކަރުދާސް ހިފައިގެން ވޯޓުލާން އުޅެނިކޮށެވެ.
ހައްޔަރު ކުރުމުގެ ކުރިން އަމީޒު ރާއްޖެޓީވީއަށް ވިދާޅުވީ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތަކާއި ރައްޔިތުންނަށް ކުރަމުންދާ ތުރާލާ ގުޅިގެން އަޑު އުފުލައި ވާހަކަ ދައްކަމުންދާތީ، ބަޔަކު އޭނާއަށް ފިއްތުންތަކެއް ކުރިމަތި ކުރަމުންދާ ކަމަށެވެ. ނަމަވެސް އިސްލާހަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އަމީޒު ވިދާޅުވެފައި ވެއެވެ.
ބުދަ ދުވަހު އަމީޒު މިނިވަންކޮށްފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނިކޮށް، ސިއްހީހާލު ގޯސްވެ ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވަނިކޮށެވެ.