ގާނޫނު އަސާސީ ފައިދަށު ލައިގެން ހުރުމުގެ އެއްވެސް ހައްގެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަކަށް ނޯންނާނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން ވިދާޅުވީ 35،000 ރައްޔިތުންގެ ހައްގުތައް ހިފަހައްޓައި ގާނޫނު އަސާސީ ފައިދަށު ލައިގެން ހުރުމުގެ އެއްވެސް ހައްގެއް މަސީހަކަށް ނޯންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީސް ބާއްވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވީ އެންމެ އަވަހަކަށް ތާވަލު ކުރަން ޖެހޭ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
350,000 rayyithunge hagguthah hifahattai, Qaanoonu Asaasee faidhashu laigen hurumuge evves haggeh MP Maseehu ah libigen nuvey. Majlis baavvaa Majlis Raeesge ithubaaru nei kamuge massala vee enme ahavahakah thaavalu kuran ebajehey.
— Ali Hussain (@AleeVoice) September 27, 2018
އަލީ ހުސައިން އެގޮތަށް ގޮވާލައްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނާ އެކު މަޖިލީސް ޖަލްސާ ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮވާލައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރު ވަނީ ހުއްޓިފައެވެ. އެހެން ނަމަވެސް އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ޖަލްސާތައް ފެށޭނެ ކަމަށް މެމްބަރުން ވިދާޅުވެއެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ މަޖިލީސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށާއި ވީހާ ވެސް އަވަހަށް ޖަލްސާތައް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުވަނީ އަންގާރަ ދުވަހު މަޖިލިސް މެމްބަރުންނާއި ބައްދަލު ވެސް ކުރައްވާފައެވެ. މ. ކުނޫޒުގައި ބައްދަލުކުރެއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީ، ޖުމްހުރީ ޕާޓީ އަދި އަދާލަތު ޕާޓީގެ މެމްބަރުންގެ އިތުރުން ގޮޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކަމިޝަނުން ނިންމާފައިވާ 12 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.