ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކުރަން ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ނިންމާފައިވާ ކަމަށް އާއިލާއަށް އަންގާފައި ވާތީ، އެކަން ލަސްވާ ސަބަބެއް އޮޅުންފިލުވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކަރެކްޝަނަލް ސާވިސްއަށް ވަޑައިގަންނަވާނެ ކަމަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.
އެމްއާރުއެމް އިން ރާއްޖެއެމްވީއަށް ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ގައި ނަސްރީނާ ކަރެކްޝަނަލް ސާވިސްއަށް ވަޑައިގަންނަވާނެ ކަމަށެވެ.
އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ، މައުމޫން ގެންދަވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ގޯސްވުމާ ގުޅިގެން އެތަށް ފަހަރެއްގެ މަތިން ގެއަށް ބަދަލުކޮށްދޭން އާދޭސް ނުދަންނަވާ ކަމާ ބެހޭ އެއްވެސް މުއައްސަސާއެއް ނުހުންނާނެ ކަމަށް ނަސްރީނާ މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
ރައީސް މައުމޫންގެ އާއިލާއިން ބުނާ ގޮތުގައި، އެމަނިކުފާނަށް ވަނީ "ވެއްޓުމުގެ" އާލާސްކަންފުޅަކާ ކުރިމަތިވެވަޑައިގެންފައެވެ. އެހެންވެ އެމަނިކުފާނު އެކަހެރިކޮށް ނުހުންނެވުމަށް ވެސް ޑޮކްޓަރުން މީގެ ކުރިން ވެސް ލަފާ ދެއްވާފައި ވެއެވެ.
ރައީސް މައުމޫންގެ މައްސަލަ ރިވިއު ކުރުމަށްޓަކައި ހޯމަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓަށް ހުށަހަޅައި އެމަނިކުފާނު ކޯޓަށް ވެސް ހާޒިކުރެއްވިއެވެ. ނަމަވެސް އެ ދުވަހު މައްސަލަ ބަލާފައެއް ނުވެއެވެ.
ރައީސް މައުމޫން ހައްޔަރުކޮށް، ހުކުމެއް އިއްވާފައި ވަނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިންގި ތަހުގީގަކަށްފަހުއެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލިއެވެ. ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ރައީސް މައުމޫން ހައްޔަރުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ.