ކ. މަފުށީގައި ރައްޔިތުންނަށް ގޯތި ދޫކުރުމުގައި އުޅެނީ ޕީޕީއެމްގެ އެކްޓިވިސްޓުން ކަމަށާއި އެކަމުގައި ކައުންސިލްގެ އެއްވެސް ދައުރެއް ނެތި، ޕީޕީއެމްގެ މެމްބަރުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މާފުށި ކައުންސިލުން ބުނެފިއެވެ.
މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އާދަމް "ރާއްޖެއެމްވީ"އަށް ދެއްވި އިންޓަވިއު އެއް ގައި ވިދާޅުވީ މާފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ މަސައްކަތް ހިންގުމަށް ކުރީގެ ކައުންސިލަރުން އަދި މިހާރުގެ ކައުންސިލަރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔަ ކަމަށެވެ. ނަމަވެސް އެމަޝްރޫއު މިހާރު ވަނީ ސަރުކާރުން "ފޭރި ގަނެފައި" ކަމަށް ނަޝީދާ ވިދާޅުވިއެވެ.
ނަޝީދާ ވިދާޅުވީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ސަރުކާރު ހިންގާ ޕީޕީއެމްގެ ޖަގަހަ އަކުން ކައުންސިލުން ކުރަންޖެހޭ ކަންކަން ކުރުމަކީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި މާފުށީގެ ރައްޔިތުންނަށް ގޯތި ދޫކުރާއިރު، އެންމެ ހައްގު ފަރާތްތަކަށް ނުވަތަ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ބަދަލުގައި ޕީޕީއެމްގެ މެމްބަރުންނަށް ނުވަތަ ސިޔާސީ މަންފާއެއް ހޯދުމަށް ވަކި ބަޔަކަށް ގޯތި ދޫކުރުމަކީ ނިކަމެތި ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ވެސް ނަޝީދާ ވިދާޅުވިއެވެ.
ނަޝީދާގެ އިތުރުން ކުރިީގެ ދެ ދައުރުގައި ވެސް މާފުށީ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ މުހައްމަދު މުސްތަފާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަކީ ވަރަށް އަނިޔާވެރި ސަރުކާރެއް ކަމަށާއި، މާފުށީގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މާފުށި ކައުންސިލުން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.
މުސްތަފާ އާއި ނަޝީދާވެސް ވަނީ ކައުންސިލްތަކުގެ ބާރު އަލުން ހޯދުމަށާއި ރައްޔިތުންގެ ހައްގުތަކުގައި ކައުންސިލުތަކަށް މަސައްކަތް ކުރުމުގެ ބާރު ހޯދުމަށް އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ލުމަށް މާފުށި ރައްޔިތުންނާއި ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަވެ.
ސަރުކާރުން ވަނީ މާފުށިން 1400 އަކަފޫޓްގެ 100 ގޯތި ދޫކުރުމަށް ނިންމާފައެވެ.