ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 15:08
ރައީސް އަބްދުﷲ ޔާމީން ކެބިނެޓް ބައްދަލުވުމެއްގައި
ރައީސް އަބްދުﷲ ޔާމީން ކެބިނެޓް ބައްދަލުވުމެއްގައި
ރައީސް އޮފީސް
މަގޭ ރިޕޯޓް
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގެ މައްސަލައެއް ނޫން، ރާވައިގެން ހިންގާފައިވާ 'ޖަރީމާ' އެއް!
ރައީސް ޔާމީނަކީ އިކޮނޮމިކް ކައުންސިލްގެ ޗެއާރ
އެމްއެމްއޭގެ ބޯޑާއި ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހުރިއްޔާ
ދައުލަތުގެ ފައިސާ އާއި މުދަލާ ގުޅުންހުރި ބޮޑެތި ބިލްތަކަށް ބަދަލު ގެނެސްފައިވޭ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މައްސަލައަކީ ނިޒާމުގެ ހުރި މައްސަލައެއް ކަމަށް ރައީސް އަބްދުއްﷲ ޔާމީން ވިދާޅުވި ނަމަވެސް އެއީ ރާވައިގެން ހިންގާފައިވާ "ޖަރީމާ"އެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގާފައި ވަނީ ރާއްޖޭގެ ސެންޓްރަލް ބޭންކު ކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާއި ބޭންކުތަކުން ބަލަންވާވަރަށް ނުބެލިގެން ނިޒާމުގެ ހުރި މައްސަލައަކުން ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫނެވެ. ގައުމުގެ މާލިއްޔަތަށް ވާ ގޮތާއި މިފަދަ ބޮޑެތި އިދާރާތަކައި ކަންކަން ވެގެންދާ ގޮތް ބެލުމަކީ ރައީސް ޔާމީނުގެ ޒިންމާއެކެވެ. 

އެމްއެމްއޭ އާއި ރާއްޖޭގައި ހިންގާ ކޮމާޝަލް ބޭންކުތަކަކީ އިއްޔެ މެންދުރު އުފަންވި ތަންތަނެއް ނޫނެވެ، އެމްއެމްއޭ އާއި ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގައި އެންމެ ދުވަސްވީ ދެ ތަނެވެ. އަދި ބޮޑެތި އަދަދުތަކުން ފައިސާގެ މުއާމަލާތްތައް ހިންގާފައި ވަނީ ވެސް ވޭތިވެދިޔަ ފަސް އަހަރަކު ވެސް ނޫނެވެ. އެމްއެމްއޭ އާއި ކޮމާސަލް ބޭންކުތައް ހިނގާ ގޮތާއި ފައިސާ ނެގުމާއި ޖަމާކުރުމުގެ ކަންކަން ކުރުމުގައި އަމަލު ކުރަމުންދާ ގޮތް ނޭނގޭ ރައްޔިތަކު ހުންނާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ.

ކުންފުންޏަކުން ފައިސާގެ ޗެކެއް އެހެން ކުންފުންޏަކަށް ދޫކުރާއިރު، އެކުންފުނީގެ ޗެކްގައި ސޮއިކުރެވޭ މީހުންނާއި ކޮންމެހެން ހިމެނެންޖެހޭ މީހުންގެ ސޮއި ނުވަތަ ދެ މީހެއްގެ ނުވަތަ ތިން މީހަކު ސޮއިކޮށްގެން ނޫން ގޮތަކަށް ކުންފުނިތަކުގެ ޗެކުން މުއާމަލާތް ނުކުރެވޭ ގޮތަށް ގިނަ ކުންފުނިތަކުން ދަނީ އަމަލު ކުރަމުންނެވެ. އެއީ ކުންފުނީގެ ފައިސާއަށް ވާނުވާ ބެލުމާއި އިތުބާރު ދެމެހެއްޓުމުގެ ގޮތުންނެވެ.

އެހެންކަމުން ކުންފުންޏަކުން ދޫކުރާ ޗެކެއްގައި ސޮއިކުރުމުގެ ބާރު އޮންނަ ދެ މީހެއްގެ ސޮއި ނުވަތަ ސޮއި ކުރަންޖެހޭ މީހުންގެ ސޮއި ފުރިހަމަ ކުރުމަށް ފަހު ނޫނީ ނުވަތަ އެ ޗެކެއްގައި ހުންނަޖެހޭ ޝަރުތުތައް ފުރިހަމަ ވެގެން ނޫން ގޮތަކަށް ބޭންކުންތަކުން އެ ޗެކެއް ބަލައި ނުގަތުން އެއީ ޗެކް ބަލައިގަތުގައި އޮންނަ އުސޫލެވެ.

ނަމަވެސް ރާއްޖޭގެ ފަޅު ރަށްތަކައި ފަޅުތަކާއި ފަރުތައް ވިއްކައި ނުވަތަ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާ އެ ރަށްތައް ގަތް ފަރާތްތަކުން އެމްއެމްޕީއާރުސީއަށް ފައިސާގެ ޗެކު ހަވާލުކުރުމުން އެ ޗެކުގެ އަނެއް ފަރާތުގައި އެސްއޯއެފް ނުވަތަ ކޮންމެވެސް އެހެން ކުންފުންޏެއްގެ ނަން ޖަހައި، ސޮއި ކުރަންޖެހޭ މީހުންގެ ސޮއި ނުހިމަނައި އެކަކު ސޮއި ކުރުމަށް ފަހު އެޗެކް "އެންޑޯޒް" ކުރުމަކީ ނިޒާމުގައި ހުރި މައްސަލައެއް ނޫނެވެ. އެއީ އެމްއެމްޕީއާރުސީގެ ތެރެއިން ހިންގާފައިވާ "ޖަރީމާ" އެކެވެ. އަދި އެފަދަ ޗެކްތައް އެމްއެމްއޭ އާއި ބޭންކުތަކަށް ދިއުމުން އެކަން އެތަންތަނުން ނުބަލާ، އަމިއްލަ އެހެން ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރުމަކީ ވެސް ނިޒާމުގެ މައްސަލައެއް ނޫނެވެ.

އެނގޭ އެއްޗަކީ އާއްމު ފަރަދަކު ކިތައްމެ ކުޑަ އަދަދެއްގެ ފައިސާއެއް ހިމެނޭ ޗެކެއް ހިފައިގެން ބޭންކަށް ދިއުމުން އެ ޗެކަކީ ސައްހަ ޗެކެއްތޯ ވަރަށް ބޮޑަށް ބަލާކަމެވެ. ސޮއި ކުރަންޖެހޭ މީހުންގެ ސޮއި ކޮށްފައިވޭތޯ އާއި ސޮޔަކީ ސައްހަ ސޮއެއްތޯ ބަލައެވެ. އަދި ޖަހާފައިވާ ފައިސާގެ އަދަދުތައް ހިސާބު އަކުރުންނާއި އިނގިރޭސި އަކުރުން ނުވަތަ ތާނައިން ލިޔެފައި ވަނީ ރަނގަޅަށްތޯ ވެސް ބަލައެވެ. ތާރިހާއި އަދިވެސް ޗެކުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަ ވޭތޯ ބެލުމަށް ފަހު، ފުރިހަމަ ނުވާ ނަމަ އެކަންކަން ފުރިހަމަ ކުރަން އަނބުރާ ފޮނުވާލައެވެ. އެއީ އާއްމު ފަރުދަކު ބޭންކަށް ދިއުމުން ކަންކުރާ ގޮތެވެ. ނުވަތަ އާއްމު އުސޫލުން ކަންކުރަމުންދާ ގޮތެވެ.

ނަމަވެސް އެމްއެމްޕީއާރުސީއަށް ކުންފުނިތަކުން ދީފައި ވަނީ ބޮޑެތި އަދަދުތަކުގެ ފައިސާއެވެ. އެވަރުގެ ބޮޑެތި އަދުދުތައް އަދި ދައުލަތުގެ ފައިސާ، އެފައިސާ ވަންނަންޖެހޭ ދައުލަތުގެ އެކައުންޓްތަކަށް ނުވަދެ، އެސްއޯއެފް ނުވަތަ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ވަދެފައި ވަނީ ނިޒާމުގެ މައްސަލައަކުން ނޫނެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމަށް ހިންގާފައިވާ ބޮޑު "ޖަރިމާ"އެކެވެ.

ދެން އޮތީ އެމްއެމްޕީއާރުސީގެ މައްސަލައެވެ. އެމްއެމްޕީއާރުސީއަކީ ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ކުންފުންޏެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެއް ހުންނައިރު، ޓޫރިޒަމް މިނިސްޓަރަކީ ވެސް އެމްއެމްޕީއާރުސީ ހިންގުމުގައި ބޮޑު ރޯލެއް އަދާކުރައްވާ ބޭފުޅެކެވެ. އެ ދެ ބޭފުޅުންނަށް ވުރެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭ ފަރާތަކީ ރައީސުލްޖުމްހުރިއްޔާއެވެ. ރައީސުލްޖުމްހޫރިއްޔާ ޗެއާރކުރައްވާ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލެއް ރައީސް އޮފީހުންނަށް އޮންނައިރު، އެފަދަ ބޮޑެތި ވިޔަފާރީގެ "ޑީލްތައް" ހަދާއިރު އެކައުންސިލްގެ ރޯލް ވެސް ވަރަށް ބޮޑެވެ.

މީގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރާއި ބޯޑު، އަދި ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑު އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެހެންވުމުން ރައީސުލްޖުމްހޫރިއްޔާ އަދާކުރަންޖެހޭ ޒިންމާ އަދާކުރެވިފައިވޭތޯ ސުވާލު އުފެދެއެވެ.

ދައުލަތް ހިންގުމުގައި ތިން ބާރު ގާނޫނުއަސާސީން ކަނޑައަޅާފަވާއިރު، ރައީސުލްޖުމްހޫރިއްޔާއަކީ ސަރުކަރުން ހިންގުމުގެ އެންމެ އިސްފަރާތެވެ. ރައްޔިތުންގެ ވޯޓަކުން ރައީސަކު އިންތިހާބު ކުރުމުން ދައުލަތުގެ ފައިސާއާ މުދަލަށް ވާނުވާ ނުބަލާ "ޑިގު" ކުޅުއްވަން ރައީސް އުޅުވުމަކުން އެއީ ޒިންމާ އަދާ ކުރެވުނީއެއް ނޫނެވެ.

އެނގޭ އެއްޗަކީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު އެކައުންޓަށް އެމްއެމްޕީއާރުސީގެ ހިނާޔާތުގެ 1 މިލިއަން ޑޮލަރު ވަނުމާއި އެފައިސާ ބޭނުން ކޮށްފައިވުމުން އެއީ ނިޒާމުގެ ހުރި އުނިކަމަކުން ވީކަމެއް ނޫން ކަމެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ގެކޮޅަށް ކަޅު ދަބަހުގައި އެމްއެމްޕީއާރޫސީގެ ހިޔާނާތުގެ ފައިސާ ވަދެފައިވަނީ ވެސް ނިޒާމުގައި ހުރި އުނިކަމުން ނޫން ކަމެވެ.

މީގެ އިތުރުން އެހުރިހާ ކަމެއް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ކުރައްވަމުން ގެންދެވިއިރު، ދެން ވެސް ވިދާޅުވަމުން ގެންދެވީ އަދީބަކީ ސަރުކާރު ހިންގާ ޕީޕީއެމްގެ "އޭޓީއެމް" މެޝިނެއްގެ ގޮތުގައި ސިފަ ކުރަމުން ނޫންތޯއެވެ. ހަމަ އެގޮތަށް ވިދާޅުވެ، ފަހުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ނުވަތަ ނާއިބު ރައީސް ކަމުގެ މަގާމަށް އަދީބު އައްޔަން ކުރެއްވިއިރު، އޭގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ ތެރެއިންނާއި އެމްއެމްޕީއާރުސީގެ ތެރެއިން އަދީބު ހިންގެވި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ނޭނގި އޮތުމަކީ ހަމަ ބުއްދި ހުރި މީހަކު ގަބޫލު ކުރާނެ ކަމެއް ނޫނެވެ. އަދި ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނުތަކަށް ގެނެއި އިސްލާހުތަކަކީ ވެސް ހަމަ ނޭނގި ހިންގާފައިވާ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ސަބަބަކީ، އެބިލްތައް ތަސްދީގު ކުރެއްވި ފަރާތަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާތީއެވެ. އެހެންވީމައި، އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގައި ހުރި މައްސަލައަކުން ހިނގާފައިވާ ކަމެއް ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި އެންމެ ސާފު ހެއްކަކަކީ އޭރުގެ އޮޑިޓަރ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާ ދައުލަތުގެ ފައިސާއަށް ހިޔާނާތާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް ވިދާޅުވުމުން ވީގޮތެވެ. މަގާމުން ދުރުކޮށް ފޮނުވާލީ ގެއަށް ނޫންތޯއެވެ. ބޭންކްގެ މުވައްޒަފަކު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފަޅާއަރުވާލުމުން އޭނާވެސް ވަޒީފާއިން ވަކިކޮށް، ލީ ޖަލަކަށް ނޫންތޯއެވެ.

އެހެންވީމ، އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރައީސް ޔާމީންގެ އިވުމާއި ފެނުމުގެ ތެރެއިން މިހާތަނަށް ސަރުކާރުން ހިންގާފައިވާ އެންމެބޮޑު ހިޔާނާތެވެ. އެއީ ނިޒާމުގެ ހުރި މައްސަލައަކުން ހިންގާފައިވާ ހިޔާނާތަކަށް ވުރެ ބޮޑަށް ރޭވިގެން ހިންގާފައިވާ ބޮޑު "ޖަރީމާ" އެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް